Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

4،000 ފްލެޓް އަޅަން ބޭނުންވާ ފައިސާ އިންޑިއާ އިން ދޫކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 4،000 ސޯޝަލް ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ އެޑްވާންސް ފައިސާ އިންޑިއާގެ އެގްޒިމް ބޭންކުން ދޫކޮށްފައެވެ.

ދެ މަޝްރޫޢެއްގެ ތެރެއިން ތަރައްގީ ކުރާ މި 4،000 ހައުސިންގ ޔުނިޓުގެ އަމަލީ މަސައްކަތް ފެށުމަށް އިންޑިއާގެ އެގްޒިމް ބޭންކުން 34 މިލިއަން ޑޮލަރުގެ އެޑްވާންސް ޕޭމަންޓް ވަނީ ދޫކޮށްފައެވެ.

މި 4،000 ހައުސިން ޔުނިޓް އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ އިންޑިއާގެ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެން.ބީ.ސީ.ސީ) އަދި ޖޭ.އެމް.ސީ ޕްރޮޖެކްޓްސް ލިމިޓެޑުންނެވެ. މި ދެކުންފުންޏަކީ ރިއަލް އެސްޓޭޓް ތަރައްޤީއާއި އަދި ސިވިލް ކޮންސްޓަރަކްޝަން ޕްރޮޖެކްޓްތަށް އިންޑިއާ އަދި ބޭރު ގައުމުތަކުގައި ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ދެ ކުންފުންޏެވެ.

މި ފްލެޓްތަކުގެ އާކިޓެކްޗަރަލް ޑިޒައިންތައް ފައިނަލް ކުރުމުގެ މަސައްކަތް ދިވެހި ސަރުކާރާއެކު ކޮންޓްރެކްޓަރުން އަންނަނީ ކުރަމުންނެވެ. މި ދެ ޕްރޮޖެކްޓްގެ ދަށުން 900 އަކަފޫޓުގެ ތިން ކޮޓަރިއާއި ތިން ފާޚާނާގެ 2800 ޔުނިޓް އަދި 650 އަކަފޫޓުގެ ދެ ކޮޓަރި އާއި ދެ ފާޚާނާގެ 1200 ޔުނިޓް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.