Last Updated: April 18, 22:36
Thursday, April 18, 2024
ވިޔަފާރި

އެމްޓީސީސީ އަށް ބްރިޖު ވެސް އެޅޭނެ: އާޒިމް

އެމްޓީސީސީ އަށް ބްރިޖު ވެސް އެޅޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް މިހެން ވިދާޅުވީ އެމް.ޓީ.ސީ.ސީގެ 41 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ހެންވޭރު ދަނޑުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އާޒިމް ވިދާޅުވީ އެމްޓީސީސީގެ އުދަރެހުން ވަރަށް އުޖާލާ އުއްމީދުތައް ފެނިގެންދާ ކަމަށާއި އެގޮތުން ކުރިއަށް އޮތް މުސްތަގުބަލުގައި އެމްޓީސީސީން ބައިނަލްއަގުވާމީ ޕްރޮޖެކްޓްތަކަށް ކުރިމަތިލާ ބިޔަ މަޝްރޫއުތައް ހިންގަން ފަށާ ދުވަސް ފެންނަމުންދާ ކަމަށެވެ.

"މަނިކުފާނުގެ (ރައީސް އިބްރާހިމް މުހައްމަދު ސޯލިހު) ގެ ޒައާމަތުގައި މި ކުންފުނި އަމާޒު ހިފާފައިވާ ކުރިއެރުންތައް ހާސިލުކޮށް މި ކުންފުންޏަށް ބުރިޖުވެސް އެޅޭނެ، ބައިނަލްއަގުވާމީ ބޮޑެތި މަޝްރޫއުތައްވެސް ހިންގޭނެ. އިންޓަނޭޝަނަލް ޑޮކްޔާޑްވެސް ގާއިމު ކުރެވޭނެ. ހައި ސްޕީޑް ފެރީތައްވެސް ގާއިމު ކުރެވޭނެ" އާޒިމް ވިދާޅުވިއެވެ.

އެ ފެންވަރުގެ ގާބިލު މުވައްޒަފުން ވެސް އެމްޓީސީސީ އަށް ބިނާކުރެވޭނެ ކަމަށާއި އެ ތަޖުރިބާ ވެސް ހޯދޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި އެފަދަ ޕްރޮޖެކްޓުތައް ހިންގަން ފަށާ ދުވަސް ވެގެންދާނީ އެމްޓީސީސީއާ މެދު ރައީސް ކުރައްވާ އުއްމީދުތަކަށް އެ ކުންފުނި ވާސިލުވާނެ ދުވަސް ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް މިހެން ވިދާޅުވިއިރު ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވަނީ މިއީ އެމްޓީސީސީގެ އަމާޒު މުޅިން އެހެން މިސްރާބަކަށް ބަދަލުކުރަންވީ ވަގުތު ކަމަށާއި އެގޮތުން ރަށްތަކުގެ މަގު ހެދުމާއި، އެއް ރަށް އަނެއް ރަށް ކަނޑުމަގުންނާއި ބްރިޖާއި ކޯޒްވޭތަކުން ގުޅާލުން ފަދަ ކަންކަމަށް އެމްޓީސީސީ ތައްޔާރުވާންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން ޒަމާނީ ޓެކްނޮލޮޖީ އާއި ތަމްރީނާއި ތަޖުރިބާ ހޯދައިގެން އެމްޓީސީން މިކަމަށް ތައްޔާރުވާންޖެހޭ ކަމަށާއި މިކަމުގައި އެމްޓީސީސީގެ އިސްވެރިންނަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ.