Last Updated: April 25, 22:42
Thursday, April 25, 2024
ވިޔަފާރި

ހޯމް ސްޓޭ ޓޫރިޒަމް ރާއްޖޭގައި ފަށައިފި

ދިއްގަރުގައި ހޯމްސްޓޭ ޓޫރިޒަމް ތައާރަފްކޮށް ފަތުރުވެރިންނަށް މަރުހަބާ ކިޔުމުގެ ތެރެއިން / ފޮޓޯ: ރާއްޖެ ޓީވީ

ހޯމް ސްޓޭ ޓޫރިޒަމް ރާއްޖޭގައި މިއަދު ފަށައިފި އެވެ.

ޑޮމެސްޓިކް ޓޫރިޒަމްގެ އާ ޕްރޮޑަކްޓް، ހޯމް ސްޓޭ މިއަދު ފަށާފައިވަނީ މ.ދިއްގަރުގަ އެވެ. އެ ރަށަށް ޒިޔާރަތް ކުރި އެންމެ ފުރަތަމަ ހޯމް ސްޓޭގެ ޓޫރިސްޓުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

ހޯމް ސްޓޭ ޓޫރިޒަމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވަނީ ދިއްގަރުގައި ހޯމް ސްޓޭ ޓޫރިޒަމް ގެންދިޔުމުގެ ހުއްދަ ދިއްގަރު ކައުންސިލާއި ރަސްމީކޮށް ހަވާލުކޮށްފަ އެވެ.

މީގެކުރިން "ރާއްޖެޓީވީ" ގައި ވާހަކަދައްކަމުން މައުސޫމް ވިދާޅުވީ މި ޕްރޮޑަކްޓުން މުޅި ރަށަށް އިގްތިސާދީ ގޮތުން ބޮޑު ބަދަލެއް ގެންނާނެ ކަމަށާއި އަދި މީހުންނަށް މުއްސަނދިކަން ލިބިގެންދާނެ ކަމަށެވެ.

"މަސް ނިންމާލާއިރު ބޯހާސްކަން ނާންނަވަރަށް ފައިސާ ލިބޭނެ ގޮތެއް ހޯދަންޖެހޭނެ. ދިވެހިރާއްޖެ އިރާދަކުރެއްވިއްޔާ މުއްސަނދި ވެވޭނެ. އެއް މިސާލެއް ދަންނާވަން، ފަތުރުވެރިކަން ބޯކޮށް އޮތް ހިސާބެއްގައި ފަރުމަސް ކިލޯއެއް 45 ރުފިޔާ އަށް 40 ރުފިޔާ އަށް ވިއްކޭނެ. ފަތުރުވެރިކަން ދަށް ހިސާބުތަކުގައި ފަރުމަސް ކިލޯއެއް 30 ނުވަތަ 25 ރުފިޔާއަށް، އެއީ މި ދެންނެވި ތަފާތު" މައުސޫމް ވިދާޅުވި އެވެ.

ރަނގަޅު ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ ހޯމް ސްޓޭއަކީ މުޖުތަމައަށް ނުރައްކަލަކަށް ވެދާނެ ކަމަށް ބައެއް ފަރާތްތަކުން ބުނާއިރު މައުސޫމް ވިދާޅުވީ ފަތުރުވެރިންނަކީ ވެސް އިންސާނުން ކަމަށާއި އޭގެތެރެއިން ގިނަ މީހުން ރަނގަޅުވާނެ ކަމަށެވެ. އަދި އިންތަކާއި މިންތައް ބުނެލުމުން ފަތުރުވެރިން އެއަށް ކަމޭހިތާނެ ކަމަށާއި ރާއްޖޭގެ ގިނަ ކައުންސިލުތަކުގައި މިހާރު ތިބީ ޓޫރިޒަމަށް އަހުލުވެރި ފަރާތްތަކެއް ކަމުން އެ ފަރާތްތަކަށް ވަރަށް ބޮޑު އިތުބާރެއް އެބައޮތް ކަމަށްވެސް މައުސޫމް ވިދާޅުވި އެވެ.