Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ގުޅުން އުފެއްދީ ފައިސާ ލިބޭ ގައުމުތަކާ: ޔާމީން

ކުރީގެ ސަރުކާރުގައި ގުޅުން އުފެއްދީ ފައިސާ ލިބޭ ގައުމުތަކާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރޭ "ޗެނަލް 13" އަށް ދެއްވި އިންޓަވިއުއެއްގައި ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ޔޫރަޕްގެ ބައެއް ގައުމުތަކާއި ގުޅުން ރަނގަޅު ނޫން ކަމަށާއި އަދި އެމެރިކާގެ ކަންބޮޑުވުންތައް ވެސް ހުރި ކަމަށެވެ. ނަމަވެސް މި ގައުމުތަކަކީ ސީދާ ބޮޑެތި އެހީތައް ލިބޭ ގައުމުތަކެއް ނޫން ކަމަށާއި އެގައުމުތަކަކީ ޑިމޮކްރެސީގެ ނިޒާމު ފުރިހަމަކުރުމާއި އެތަންތަނުގައި ހުންނަ ވިސްނުންތައް ރާއްޖޭގައި އޮންނަން ވާނެ ކަމަށް ވަކާލާތު ކުރާ ބައެއް ކަމަށް ޔާމީން ވިދާޅުވި އެވެ.

"ފައިސާ ހޯދައިގެން ރާއްޖެ އޮތް ހިސާބުން ތަރައްގީ ކުރާ ކަމަށްވާނަމަ އެތަންތަނަށް ވުރެ މުހިއްމު ވަނީ ފައިސާ ލިބޭ ތަންތަނާއި ގުޅުން އުފެއްދިއްޔާ. އަޅުގަނޑުމެން ބޮޑެތި ހުރިހާ ކަންކަމަށް ފައިސާ ހޯދީ ޗައިނާ އިން. ވަރަށް އަގުހެޔޮށް އެހުރީ ފައިސާ ހޯދާފައި. އެ ފައިސާ ދެއްކުމުގެ ގާބިލުކަން އޭރުވެސް އަޅުގަނޑުމެންގެ ސަރުކާރުގައި އޮތް" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ޔޫރަޕުން އެހީދޭނީ ތިމާވެށީގެ ޕްރޮޖެކްޓަކުން ނުވަތަ ކޮންމެވެސް އެހެން ގޮތަކުން ކަމަށާއި އެގޮތުން ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް ޔޫރަޕުގެ އެހީ ލިބޭ ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ މިހާރުގެ ހާރިޖީ ސިޔާސަތު ތިހާ ކާމިޔާބުކަމަށް ވަންޏާ އެމެރިކާއިން ނުވަތަ ޔޫރަޕުން ބްރިޖެއް ހަދަން ފައިސާ ހިފައިގެން ވަޑައިގަންނަވާ. އެހާހިސާބުން އަޅުގަނޑުވެސް ގަބޫލުކުރާނަން އެއޮތީ ދުނިޔެއާ ވަރަށް ބޮޑަށް ގުޅިފައި ކަމަށް" ޔާމީން ވިދާޅުވި އެވެ.

މީގެއިތުރުން ކުރީ ސަރުކާރުގައި އާންމު ހާލަތުގައި އދ. ގައުމުތަކާއި އޭރު ގުޅުން ރަނގަޅު ކަމަށްވެސް ޔާމީން ވިދާޅުވި އެވެ. އަދި ޑިޕްލޮމެޓިކް ގުޅުމުގެ ތެރެއިން ކޮންމެ ގައުމަކުން މަސައްކަތް ކުރާނީ އެގައުމަކަށް އެންމެ ފައިދާ ހުރިގޮތަކަށް ގުޅުން ކުރިއަށް ގެންދިޔުމަށް ކަމަށް ޔާމީން ވިދާޅުވި އެވެެ.