Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ނާޒިމް، ސަރުކާރަށް: ރައްޔިތުން ގުނބޯ ހައްދަން ނޫޅޭ

އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް - ފޮޓޯ: އެމްއެންޕީ

ރައްޔިތުން ގުނބޯ ހައްދަން ނޫޅުމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ސަރުކާރަށް ގޮވާލައްވައިފި އެވެ.

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާ އަށް އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ އަބްދުލް ހަންނާނު އިދުރީސްގެ މާލޭގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ނާޒިމް ވިދާޅުވީ ކޮމަންޑޫ ދާއިރާގައި ހިމެނޭ ފޯކައިދޫގައި އޮތް ރީތި ދަނޑެއް ނޮޅާލައި އެތަނުގައި ޓާފް އެޅުމުގެ މަސައްކަތް އަވަސް އަރުވާލައިގެން މިހާރު ކުރަމުންދާ ކަމަށެވެ.

އެގޮތުން އަވަސް އަރުވާލައިގެން އެ މަސައްކަތް ކުރާއިރު އެތަނުގައި ހުރި އޮށްގާ ކޮޅުވެސް ނަގާނުލެވޭ ކަމަށާއި ހޭބޯ ނާރާ ވަކި ދުވަހަކަށް އެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުންދާއިރު ނިމޭއިރު އެ ދަނޑަކީ އެންމެ އެކަށީގެންވާ ގޮތެއްގައި ހެދިފައި އޮންނަ ދަނޑަކަށް ނުވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"ސަރުކާރަށް ދަންނަވާލަން އޮތީ ވޯޓަށްޓަކާ އެފަދަ ކަންކަން ނުކުރައްވާށޭ. ޒުވާނުން ކުޅެން ހުންނަ ދަނޑު އޭގެ އެންމެ ފެންވަރުގައި، އެންމެ ރަނގަޅު ގޮތުގައި ވަގުތު ނަގައިގެން ހައްދަވާށޭ" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ރައްޔިތުންނަކީ މިއަދު މޮޔަ އަދި ގަމާރު ބައެއް ނޫން ކަމަށާއި ދިވެހިންނަކީ ވަރަށް ހޭޖެހޭ އަދި ބުއްދި ސަލާމަތުން ތިބި ބައެއް ކަމަށެވެ. އަދި ކަންކަން ކުރުމުގައި ބަޖެޓުން ހަމަޖެހިފައިވާ އޮންނަ އުސޫލުގެ ތެރެއިން ޒުވާނުންނަށް ކަންކަން ކޮށްދެއްވުމަށް ނާޒިމް ވަނީ ގޮވާލާފަ އެވެ.

"ރައްޔިތުން ގުނބޯ ހެއްދުމަށްޓަކާ ތިފަދަ ކަންކަން ނުކުރައްވާށޭ. ވަކި ދުވަހެއް ކަނޑައަޅާ އެ ދުވަހަށް ނިންމުމަށްޓަކާ ތަންތަނުން މީހުން ގެެނެސްގެން ފެންވަރު ދަނޑުތައް ނާޅުއްވާށޭ" ނާޒިމް ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ކެމްޕޭން ފޯރިއާއެކު ކުރިއަށްދާއިރު ސަރުކާރުން ވަނީ އެ ދާއިރާ އަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ވައުދުވެފަ އެވެ. އެގޮތުން ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުމުގެ ޕްރޮޖެކްޓު ސަރުކާރުން ދާދިފަހުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.