Last Updated: January 19, 11:57
Wednesday, January 19, 2022
ޚަބަރު

ތަރައްގީ އަށް ކުރާ ކޮންމެ ކަމެއްގައި ސަރުކާރު ފަހަތުގައި ތިބޭނަން

ތަރައްގީ އަށް ކުރާ ކޮންމެ ކަމެއްގައި ވެސް ސަރުކާރު ފަހަތުގައި ތިބޭނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާ އަށް އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ އަބްދުލް ހަންނާނު އިދުރީސްގެ ހުޅުމާލޭގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ނާޒިމް ވިދާޅުވީ ތަރައްގީ އަށް ކުރާ ކޮންމެ ކަމެއްގައި ސަރުކާރުގެ ފަހަތުގައި ތިބޭނެ ކަމަށާއި އެމްއެންޕީ އަކީ ރައްޔިތުންގެ ބައެއް ކަމަށެވެ.

އެގޮތުން ރައްޔިތުންގެ ކަންކަން ވީހާވެސް ބާރަކަށް ކުރިއަށް ގެންދިޔުމަށް ސަރުކާރަށް ގޮވާލާ ކަމަށާއި ސަރުކާރުގެ ފަހަތުގައި ތިބޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ކަންކަން ސަރުކާރުން ފުއްދުމުގައި ހުރަހަކަށް ނުވާނެ ކަމަށާއި ރައްޔިތުންގެ އަޑު އިއްވުމުގައި އަބަދުވެސް އެމްއެންޕީ ދެމި އޮންނާނެ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

"ރައްޔިތުންނަށް ހުވަފެން ނުދައްކަވާ ސަރުކާރުން ކުރަންވީ ކަމަކީ އަޅުގަނޑުމެން ދައްކާ ވާހަކަ މިއަދު އަޑުއަހަންވީ. އަޅުގަނޑުމެންނަށް ރަށްރަށުގެ ކަންކަން އިނގޭނީ. އަޅުގަނޑުމެން ނުވަންނަ ގެއެއް ނުހުންނާނެ. އަޅުގަނޑުމެންނަށް ރައްޔިތުންގެ އިހުސާސްތައް އިނގޭނީ" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ކޮމަންޑޫ ދާއިރާ އަށް މިހާތަނަށް ދެ ވެރިއަކު ޒިޔާރަތްކޮށްފި ކަމަށާއި އެ ބޭފުޅުން ތިއްބެވީ ތޮށިގަނޑު މަތީގައި ކަމަށެވެ. ނަމަވެސް އެއާ ހިލާފަށް އެމްއެންޕީން ރައްޔިތުންގެ އިހުސާސްތައް ދެނެގަންނަނީ ގޭގެއަށް ޒިޔާރަތްކޮށްގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.