Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ލަސްނުކޮށް ޔާމީން ހިފާ ހައްޔަރުކުރަންޖެހޭ: ހަސަން ލަތީފް

ހަސަން ލަތީފް-- ފޮޓޯ: މިހާރު

އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށާއި ލަސްނުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިފާ ހައްޔަރުކުރަންޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނުގެ ތެރެއިން ށ.ފޯކައިދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ހަސަން ވިދާޅުވީ ސްކޫލްތަކުގައި ފާރުގައި "އިންޑިއާ އައުޓް" ލިޔެ އިންޑިއާގެ ރައްޔިތުންނަށް ފުރައްސާރަކުރުމުގެ ގޮތުން ހިންގާ ކަންކަމުގެ ހުރިހާ ޒިންމާއެއް ނަންގަވަންޖެހޭނީ ސީދާ ޔާމީން ކަމަށެވެ.

އެފަދަ ކަންކަމުގެ ސަބަބުން ދިވެހިން ވެއްޓޭނީ ބޮޑު އަނދަވަޅަކަށް ކަމަށާއި ދިވެހިންނާއި މެދު ކުޑަވެސް ކުލުނެއް ހުރި ބޭފުޅެއް ނަމަ ފާރުތަކުގައި "އިންޑިއާ އައުޓް" ޖެހުމާއި އަދި އިންޑިއާ މީހުންނާއި ދިމާކުރަން ނުގޮވާނެ ކަމަށް ހަސަން ވިދާޅުވި އެވެ. އަދި ޔާމީން މިހާރު ދައްކަވަމުން ގެންދަވަނީ ސީދާ ގައުމީ ސަލާމަތަށް މިހާރު ނުރައްކާ ހުރި ވާހަކަތަކެއް ކަމަށާއި ޔާމީން ހިފާ ހައްޔަރުކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ލަސްނުކޮށް ރައީސް ޔާމީން ހިފާ ހައްޔަރުކުރަންޖެހޭ. ގައުމީ ސަލާމަށް ނުރައްކާ ހުރި ވާހަކަތަކެއް ރައީސް ޔާމީން މިހާރު އެ ދައްކަވަމުން ގެންދަވަނީ" ހަސަން ވިދާޅުވި އެވެ.

ޔާމީންގެ ތަހުގީގެއް މިހާރު ހިންގަންޖެހޭ ކަމަށާއި "އިންޑިއާ އައުޓް" ކެމްޕޭނުގެ ފަހަތުގައި ފޮރުވިފައިވާ ކަންކަން ހޯދަންޖެހޭ ކަމަށްވެސް ހަސަން ވިދާޅުވި އެވެ. އެގޮތުން މިކަމުގައި ފޮރުވިފައި ހުރި ކަންކަން ހޯދަން ސަރުކާރުން މަސައްކަތް ކުރަންޖެހޭ ކަމަށާއި މަޖިލިސް ހުޅުވުމާއެކު އެ މަސައްކަތް މަޖިލީހުން ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން ހަސަން ވަނީ "އިންޑިއާ އައުޓް" ވިސްނުމުގެ އެންމެ ބޭފުޅަކު ވެސް މަޖިލީހަށް އިތުރުވެއްޖެނަމަ އެއީ ސަރުކާރާއި މަޖިލީހާއި، އެމްޑީޕީ އަދި ރައްޔިތުންނަށް ވެސް ބޮޑު އުނދަގުލަކަށް ވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.