Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ނަރުހުގެ މަރު: މާވިން އާއި ލަމްހާގެ ޝަރީއަތް މާދަމާ ފަށަނީ

މާވިން އާއި ލަމްހާ

އައިޖީއެމްއެޗް ހޮސްޕިޓަލުގައި މަސައްކަތް ކުރި ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ ދެ މީހުންގެ ޝަރީއަތް މާދަމާ ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.

މި މައްސަލާގައި ދައުވާ އުފުލާފައިވަނީ މޭރީ ގްރޭސްގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި އޭނާގެ ދިވެހި ލޯބިވެރިޔާ ހަލީމަތު ލަމްހާ އެވެ. އެގޮތުން މާވިން އަށް ކުރަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. ލަމްހާއަށް ކުރަނީ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އެވެ.

މި ދެ މީހުންގެ ޝަރީއަތް ފެށުމަށް ކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10 ޖަހާއިރު އެވެ.

މޭރީގެ ހަށިގަނޑު އިންޑިއާ އަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހަދާފައިވާއިރު، ފުލުހުން ވަނީ އޭނާ މަރުވެފައިވަނީ ދަންޖެހިގެން ކަމަށް ނުބެލެވޭ ކަމަށް ބުނެފައެވެ. އެގޮތުން އޭނާ މަރުވެފައިވަނީ ދިން އަނިޔާތަކެއްގެ ސަބަބުން ކަމަށް ފުލުހުން ބުނެ އެވެ.

މި މަރާއި ގުޅޭ މާބޮޑު މައުލޫމާތެއް ފުލުހުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.