Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ޔާމީން މަރާލި ދެ މީހުން އުމުރަށް ޖަލަށް

ޔާމީން(މ) އަށް ހަމަލާ ދިން ކަމަށް ތުހުމަތުކޮށް ފޮޓޯ އާއްމުކުރި ދެ މީހުން ދެ ފަރާތުގައި--

އަނިޔާވެރި ގޮތަކަށް މަރާލި ބްލޮގާ ޔާމީން ރަޝީދު މަރާލި ކަމުގެ ކުށް ސާބިތުވި ދެ މީހުން އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއިލް ރަޝީދާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ އިތުރުން މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ އިސްމާއީލް ހައިޝަމް ރަޝީދާއި، އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އަދި ދެން ދައުވާ ކުރި މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ޔާމީން މަރާލުމުގެ ކުށް ހައިޝަމް އާއި ޒިހާންގެ މައްޗަށް ސާބިތުވުމުން އެ ދެ މީހުންގެ މައްޗަށް އަދަބު ކަނޑައެޅުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޔާމީންގެ މަންމަ ބޭނުންވީ މަރުގެ ދިޔަ އެވެ. ނަމަވެސް ޔާމީންގެ ބައްޕަ އެދުނީ މަރަށް މަރު ހިފާށެވެ. މަރަށް މަރު ހިފުމަށް ވާރިޘުންގެ ތެރެއިން އެކަކު އިންކާރު ކުރިނަމަވެސް ވަރަށް މަރު ނުހިފޭނެ އެވެ. އެހެންކަމުން އެ ދެ މީހުން ވަނީ މަރުގެ ހުކުމް ސަލާމަތްވެފަ އެވެ.

މަރުގެ ހުކުމުން ސަލާމަތްވި ނަމަވެސް އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވެފައިވާތީ ކޯޓުން ވަނީ ދެ މީހުން ވެސް އުމުރަށް ޖަލަށްލާން ހުކުމްކޮށް، މަރުގެ ދިޔައަށް 1.3 މިލިއަން ރުފިޔާ ކަނޑައަޅާފަ އެވެ.

ޔާމީން ރަޝީދު މަރާލީ 2017 އޭޕްރިލް 23 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ މަރާލީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ގޮޅި ތެރޭގައެވެ. މި މައްސަލަ، މަރުތައް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުންވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.