Last Updated: April 18, 13:36
Thursday, April 18, 2024
ޚަބަރު

ކޯޓުތަކަކީ މިހާރު ހުކުމް ގަނެ ވިއްކާ ފިހާރަތަކެއް ނޫން: ޖޭއެސްސީ

ޖޭއެސްސީގެ ބައްދަލުވުމެއްގެ ތެރެއިން

ކޯޓުތަކަކީ މިހާރު ހުކުމް ގަނެ ވިއްކާ ފިހާރަތަކެއް ނޫން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރު އަބްދުލްމާނިއު ހުސައިން ވިދާޅުވެއްޖެ އެވެ.

ރޭ "ރާއްޖެޓީވީ" ގައި ވާހަކަދައްކަމުން މާނިއު ވިދާޅުވީ ހުކުމް ގަނެ ވިއްކާ ފިހާރަތަކެއް ގޮތަށް ކޯޓުތައް ސިފަކުރެވުނު ޒަމާނެއް ގޮސްފައިވާ ކަމަށާއި ނަމަވެސް މިހާރުގެ ހަގީގަތަކީ އެ ވާހަކަ ދައްކާނެ އަދި އެގޮތަށް ސިފަކުރާނެ ބަޔަކު ނެތް ކަމަށެވެ. އެގޮތުން އެންމެ ތިރިން ފެށިގެން އެންމެ އުހާ ހަމައަށް ވެސް މިއަދު އެ ހަގީގަތް އޮތީ އެގޮތަށް ކަމަށާއި ފަނޑިޔާރުން މިއަދު ހުކުމް ކުރާނީ ފަނޑިޔާރަށް ފެންނަ ގޮތެއްގެ މަތިންކަން އާއްމުންނަށް މިއަދު ކަށަވަރުވާ ކަމަށް މާނިއު ވިދާޅުވި އެވެ.

"ހަސްމުންގެ ފަރާތުން ވެސް އަޅުގަނޑުމެންނަށް އަންނަ ހިޔާލު ހުންނަ ގޮތުން އެނގޭ ފަނޑިޔާރުންނަކާ ނުކުޅެވޭނެކަން. އަދި ފަނޑިޔާރުން ވެސް ކުޅުނަކަ ނުދޭނެކަން ވެސް" މާނިއު ވިދާޅުވި އެވެ.

މާނިއު ވިދާޅުވީ މިއަދު ހުރިހާ ފަރާތްތަކަކަށް ވެސް ފަނޑިޔާރުން ހުކުމް ކުރާނީ ފަނޑިޔާރަށް ފެންނަ ގޮތަކަށްކަން މިއަދު ގަބޫލުކުރެވޭ ކަމަށެވެ. އަދި ރާއްޖޭގެ ޖުޑިޝަރީ އަކީ މިނިވަންކަމާއެކު، ފަނޑިޔާރު ގެއެއްގެ ހައިބަތާއި ގަދަރާއެކީގައި ހިނގާ ތަނެއްގެ މަންޒަރު މިއަދު ރައްޔިތުންނަށް ފެންނަމުންދާ ކަމާމެދު ޝައްކު ނުކުރާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން މާނިއު ވަނީ މީގެކުރިން ޖޭއެސްސީގައި ތިއްބެވި މެމްބަރުން މައްސަލައެއް ބަލަން ނިންމައިފިނަމަ އެ މައްސަލައެއް ތަހުގީގުކޮށް ނިންމާފައި ނުވާ ކަމަށާއި އޭގެ ސަބަބުން 10 އަހަރުގެ މަސައްކަތް ކޮމިޝަނުގައި މިހާރު ތިއްބެވި މެމްބަރުން ކުރަން ޖެހުނު ކަމަށްވެސް ވިދާޅުވެފަ އެވެ. އެގޮތުން ކުރި މަސައްކަތުން މިހާރު މައްސަލަތައް 55 އަށް ދަށްވެފައިވާ ކަމަށާއި އެ މައްސަލަތަކުގެ ތެރެއިން 70 ޕަސެންޓު މައްސަލައިގެ ތަހުގީގު ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖޭއެސްސީގެ އަމާޒަކީ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބަލަން ފެށިއްޖެނަމަ ގިނަވަގެން ތިން މަސް ދުވަސްތެރޭ އެ މައްސަލައެއް ތަހުގީގުކޮށް ނިންމުން ކަމަށް މާނިއު ވިދާޅުވި އެވެ. އެގޮތުން މިއަހަރު ނިމޭއިރު ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމުގައި އަންނަ ލަސްކަން ނިމުމަކަށް ގެނެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.