Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ދަރިވަރުންނަށް ފިލާވަޅު ދޭހަވުމުގައި ޓީޗަރުގެ މޫނު ފެނުން ލާޒިމު

ފިލާވަޅު ދަރިވަރުންނަށް ދޭހަވުމުގައި ޓީޗަރުގެ މޫނު ފެނުން ލާޒިމު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މޫނުބުރުގާ އަޅައިގެން ސްކޫލުތަކުގައި މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވަނީ ޖަނަވަރީ 2019 އިން ފެށިގެން ކަމަށާއި އެ އުސޫލަށް ފަހުން އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ. އޭގެ ކުރިން ސްކޫލުތަކުގައި މޫނުބުރުގާ އަޅައިގެން މަސައްކަތް ކުރުމަކީ މަނާ ކަމެއް ކަމަށް ބުނެފައިވެ އެވެ.

އެގޮތުން މިވަގުތު ސްކޫލުތަކުގެ އެކި މަގާމުތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރޭގައި މޫނުބުރުގާ އަޅައިގެން މަސައްކަތް ކުރާ ބޭފުޅުންވެސް ހިމެނޭ ކަމަށާއި އަދި އެބޭފުޅުންނާއި މޫނުބުރުގާ ނާޅާ ބޭފުޅުންނާ މަސައްކަތު މާހައުލުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްްރީން ބުނީ މޫނު ބުރުގާ އަޅައިގެން ކިޔަވައިދޭން ބޭނުންވާ ޓީޗަރުންނަށް އެ ފުރުސަތު ފަހިކޮށްދީފައިވަނީ ކިޔަވައިދޭ ވަގުތު މޫނު ފެންނަ ގޮތަށެވެ. އެގޮތުން ލޮލާއި އަނގައާއި މޫނުމަތީގެ އިޝާރާތްތަކަކީ މުވާސަލާތު ކުރުމުގައި ޒަރޫރީ ކަންކަމަށްވެފައި، ކިޔަވައިދޭ ފިލާވަޅު ދަރިވަރުންނަށް ފަހުމުވުމުގައި އެ އިޝާރާތްތައް މުހިއްމު ދައުރެއް އަދާކުރާ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި އެއީ ފިލާވަޅަށް ދަރިވަރުންގެ ޝައުގުވެރިކަން ހޯދުމުގައިވެސް މުދައްރިސުގެ ނޮންވާބަލް ބިހޭވިއާ ނުވަތަ ހަރަކާތްތައް މުހިއްމު ދައުރެއް އަދާކުރާތީކަމަށް މިނިސްޓްރީން ބުނެއެވެ.

"މިގޮތަށް އަންގާފައިވަނީ ދަރިވަރުންނަށް އުނގަންނައިދިނުމުގައި މޫނުމަތީގެ ހަރަކާތްތަކަކީ ނުހަނު ބޭނުންތެރި ވަސީލަތަކަށްވުމާއި، ޓީޗަރުންގެ މޫނުމައްޗަށް ގެނެވޭ އެކިއެކި ހަރަކާތްތަކުން ފިލާވަޅު ދަރިވަރުންނަށް ފަހުމުވުމުގައި އެހީއަކަށްވާކަމަށް ތަޖުރިބާކާރުންނާއި މާހިރުން އިއްތިފާގުވާތީ، އެ ފުރުސަތުން ދަރިވަރުން މަހުރޫމުވިޔަ ނުދިނުމަށްޓަކައި،" އެ ބަޔާނުގައި ވެ އެވެ.

މިނިސްޓްރީން ބުނީ ފިލާވަޅު ރަނގަޅަށް ދޭހަވުމުގައި ދަރިވަރުންނަށް މުދައްރިސުގެ މޫނުގެ އިޝާރާތްތަކާއި ނޮންވާބަލް ބިހޭވިއާ ކޮންމެހެން ފެނުން ލާޒިމްކަމުގައި ވީނަމަވެސް މި ދުވަސްވަރު މުދައްރިސުން ކިޔަވައިދިނުމުގައި މާސްކު އަޅަން އަންގާފައިވަނީ ސިއްހީގޮތުން ދިމާވެފައިވާ ހާއްސަ ހާލަތަކާ ގުޅިގެން މަޖުބޫރީ ހާލަތެއް މެދުވެރިވުމުން ކަމަށެވެ.

"އަޅުގަނޑުމެންގެ ދުޢާއަކީ ވީހާވެސް އަވަހަކަށް މިޙާލަތުން އަރައިގަނެވި މާސްކާނުލާ ކިޔަވައިދިނުމުގެ ކަންކަން ކުރިއަށް ގެންދެވޭނެފަދަ ޙާލަތަކަށް ކަންކަން ރުޖޫޢަވެ، އެ ފުރުޞަތު މުދައްރިސުންނާއި ދަރިވަރުންނަށް ފަހިވެގެން ދިއުން،" އެޑިއުކޭޝަނުން ބުންޏެވެ.