Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

މޫނު ބުރުގާ އެޅުން ޓީޗަރުންނަށް ހުރަހަކަށް ވެގެން ނުވާނެ: އެމްއެންޕީ

މޫނު ބުރުގާ އެޅުމަކީ ޓީޗަރުން މަސައްކަތް ކުރުމަށް ހުރަހަކަށް ވެގެން ނުވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފި އެވެ.

އެމްއެންޕީން ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމާއި، އިސްލާމްދީނަކީ ރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރުކަން ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، މޫނު ބުރުގާ އެޅުމަކީ އިސްލާމްދީނުގައި ލާޒިމްކޮށްފައިވާ ކަމެއްކަމާމެދު ދީނީ އިލްމުވެރިންގެ މެދުގައި ހިލާފް އުފެދިފައިވީ ނަމަވެސް މޫނު ބުރުގާ އެޅުމަކީ ލާޒިމްކަމެއްކަމަށް ދެކޭ ރައްޔިތުން ރާއްޖޭގައި ދިރިއުޅެމުންދާކަން ގަބޫލުކުރަންޖެހޭ ކަމަށެވެ.

އެގޮތުން މޫނު ބުރުގާ އެޅުމަކީ މިފަރާތްތަކަށް ޤާނޫނުއަސާސީން ލިބިދޭ އެއްވެސް ހައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަން އަންނަންޖެހޭނެ ސަބަބެއް ނޫން ކަމަށް އެމްއެންޕީން ބުނެ އެވެ.

"މި ޕާޓީން ޤަބޫލުކުރާ ގޮތުގައި މޫނު ބުރުގާ އެޅުމަކީ އެއްވެސް ފަރާތަކަށް މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރުމަށް އޮތް ހުރަހަކަށްވެގެން ނުވާނެއެވެ" އެމްއެންޕީން ބުންޏެވެ.

މީގެއިތުރުން މިފަދަ ކަމެއް މަނާކޮށް އެއްވެސް ފަރާތެއްގެ ހައްޤެއް ހިފަހައްޓާކަމަށްވާނަމަ، އެކަން ކުރަންވާނީ މިކަމާ ގުޅޭގޮތުން ދީނީ އިލްމުވެރިން ހިމެނޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، އެކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ބަހުސްކޮށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގެ ދަށުންކަމަށްވެސް އެމްއެންޕީން ބުނެ އެވެ.