Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ބޮޑީގާޑުން މަސައްކަތް ކުރަންވާނީ ވަކިކޮޅަކަށް ނުޖެހި: މާރިޔާ

ދިވެހި ޤައުމީ ދިފާޢީ ބާރުގެ ބޮޑީގާޑުންނަކީ، އެއްވެސް ކޮޅަކަށް ނުޖެހި މަސައްކަތްކުރާ ބަޔަކަށްވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ އިލްތިމާސްކުރައްވައިފި އެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، މިއަދު ހެނދުނު ސަދަރން އޭރިއާގެ ޓްރެއިނިންގ ސްކޫލްގައި ބޭއްވި، އެމްއެންޑީއެފްގެ 13 ވަނަ ބޮޑީގާޑު ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ މާރިޔާގެ ވާހަކަފުޅުގައި ވަނީ ބޮޑީގާޑުންނަކީ، ހަމައެކަނި ފަސް އަހަރުގެ މުއްދަތަށް، ސިޔާސީ ބަޔަކަށް ޚިދުމަތްކުރުމުގެ ވިސްނުމުގައި މަސައްކަތްކުރާ ބަޔަކަށްވުމުގެ ބަދަލުގައި، އެއްވެސް ކޮޅަކަށް ނުޖެހި، ވީހާވެސް ޕްރޮފެޝަނަލްކޮށް، ޤާބިލްކަމާއެކީ މަސައްކަތްކުރާ ބަޔަކަށްވުމަށް އިލްތިމާސްކުރައްވާފަ އެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ތަޞައްވުރަކީ، ސިފައިންނަކީ ދިވެހި ރައްޔިތުންގެ ފުރިހަމަ ލޯތްބާއި އިތުބާރު ލިބިފައިވާ، ފަންނީ، ޤާބިލް، ޕްރޮފެޝަނަލް، ފައިޓިންގ ފިޓް ފޯރސްއަކަށް ހެއްދެވުންކަން މާރިޔާ ފާހަގަކުރެއްވި އެވެ.

މާރިޔާ ވިދާޅުވީ 2015 ވަނަ އަހަރުން ފެށިގެން، ބޮޑީގާޑު ޓްރެއިނިންގ ކޯސް ނުބާއްވާތާ ފަސް އަހަރު ފާއިތުވެފައި ވަނިކޮށް، 2020 ވަނަ އަހަރު، ކޯވިޑް-19ގެ ދަތިއުނދަގޫ ހާލަތުގައިވެސް، އެކޯސް އިޔާދަކޮށް، 2021 ގައިވެސް އެކޯސް ކާމިޔާބުކަމާއެކީ ހިންގާފައިވަނީ، ރައީސް ޞާލިޙުގެ ތަޞައްވުރު ޙާސިލްކުރުމުގެ ތެރެއިން ކަމަށެވެ.

މީގެއިތުރުން މެއި 6 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ޢަމާޒުކޮށް ދިން ޓެރަރިސްޓު ޙަމަލާގައި، އެމަނިކުފާނުގެ ހަށިފާރަވެރިންގެ ގޮތުގައި ތިއްބެވި ސިފައިންގެ ބޭކަލުންގެ ހިތްވަރާއި ހުޝިޔާރުކަމާއި ޕްރޮފެޝަނަލިޒަމްގެ ފުރިހަމަ ނަމޫނާއިން މިސާލު ނެގުމަށް ކޯހުގެ ދަސްވެނިންނަށް މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ.

ބޮޑީގާޑުންގެ މަސައްކަތަކީ އެއްވެސް ޙާލަތެއްގައި ފަސޭހަ މަސައްކަތެއް ނޫންކަން ފާހަގަކުރައްވައި، މިނިސްޓަރ މާރިޔާ ވިދާޅުވީ، ސިޔާސީ ނުފޫޒުން އެއްކިބާވެގެންވާ މުއައްސަސާއަކުން ނުކުމެ، ސިޔާސީ އެކި ލީޑަރުންގެ އަރިހުގައި 24 ގަޑިއިރު މަސައްކަތްކުރާއިރު، ޕަރސަނަލް ސެކިއުރިޓީ އޮފިސަރުން އިސްކަންދޭންވާނީ ސިޔާސީނުވެ، ވީހާވެސް ފުރިހަމަޔަށް، އެމީހުންނާ ހަވާލުކުރެވިފައިވާ ވީއައިޕީ ބޭފުޅެއްގެ ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމުގެ މައްޗަށް ކަމަށެވެ.