Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

އިންޑިއާއާ ދެކޮޅަށް ހިންގާ ހަރަކާތްތަކަށް ތާއީދެއް ނެތް: ނަޝީދު

ރައްޔިތުން މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު: ފޮޓޯ / ހަތާވީސް އޮންލައިން

އަވަށްޓެރި އިންޑިއާއާ ދެކޮޅަށް ހިންގާ އެއްވެސް ހަރަކާތަކަށް ރާއްޖޭގައި ތާއީދެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ "އިންޑިއާ އައުޓް" ގެ ނަމުގައި ކެމްޕޭނެއް ފަށާފަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންވެ ވަޑައިގެންނެވުމަށްފަހު މި ކެމްޕޭން މިހާރު އަތޮޅުތެރެއަށް ވެސް ފުޅާކޮށްފައިވާއިރު މި ކެމްޕޭނުގައި ރ.ދުވާފަރަށް ޔާމީން މިއަދު ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ.

ސްރީލަންކާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ޔާމީން އިސްވެ ހިންގަވާ "އިންޑިއާ އައުޓް" ހަރަކާތަކީ އެއްވެސް އަސާސެއް ނެތި ހިންގާ ހަރަކާތެއް ކަމަށާއި އެ ހަރަކާތަށް މާބޮޑު ތާއީދެއް ނެތް ކަމަށެވެ. އަދި އިންޑިއާއާ ދެކޮޅު ވިސްނުމެއް ރާއްޖޭގައި ފެތުރިދާނެ ކަމަށް ކޮންމެވެސް ސަބަބަކާއި ހުރެ ޔާމީން ހީފުޅުކުރައްވާ ކަމަށާއި ނަމަވެސް ރައްޔިތުން އެކަން ބަލައިނުގަންނަ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

އެގޮތުން އިންޑިއާއާ ދެކޮޅަށް ހިންގާ އެއްވެސް ހަރަކާތަކަށް ވެސް އަދި އެހެން ގައުމަކާ ދެކޮޅަށް ހިންގާ މިފަދަ ހަރަކާތްތަކަށް ވެސް ރާއްޖޭގައި މާބޮޑު ތާއީދެއް ނޯންނާނެ ކަމަށާއި މިކަން ޔާމީން ހުއްޓާލަންޖެހޭ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

މީގެއިތުރުން ނަޝީދު ވަނީ ޗައިނާ އަށް ރާއްޖޭގައި އަދާކުރެވޭނެ މާބޮޑު ރޯލެއް ނެތް ކަމަށާއި ރާއްޖެ އިން އަބަދުވެސް އިސްކުރަނީ "އިންޑިއާ ފަސްޓް" ޕޮލިސީ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ފާއިތުވި ތިން ހަތަރު އަހަރު ވެސް އެމްޑީޕީގެ ޕޮލިސީ އަކީ އެއީ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެ ޕާޓީން ގެންގުޅޭނީ އެ ޕޮލިސީ ކަމަށް ނަޝީދު ވިދާޅުވި އެވެ.