Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ނައިފަރުގެ އިހްތިސާސްގައި ވޭވަށް ހިމަނަން އެދިއްޖެ

ޅ. ނައިފަރުގެ އިހްތިސާސްގައި އެ ރަށު ދެކުނުން އޮންނަ ފަޅު ރަށެއް ކަމަށްވާ ޅ.ވޭވަށް ހިމަނަން ސަރުކާރަށް ދެންނެވުމަށް ނައިފަރު ކައުންސިލުން ގަރާރެއް ފާސްކޮށްފި އެވެ.

ނައިފަރު ކައުންސިލުން ފާސްކުރި ގަރާރުގައި ބުނެފައިވަނީ ނައިފަރަކީ އާބާދީ ބޮޑު ރަށަކަށްވެފައި، ބިމުގެ ދަތިކަން އޮތް ރަށަކަށްވުމުން ރަށުގެ ރައްޔިތުންނަށް އިގްތިސާދީ މަސައްކަތްތައް ކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ރައްޔިތުން ހިތްފަސޭހަކޮށްލައި މޫދަށް އެރިލައި އުޅެވޭފަދަ ބީޗެއް ވެސް ނެތް ކަމަށާއި އަދި ކައުންސިލުގެ އާމްދަނީ އިތުރުކުރުމަށް އިތުރުކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

އެގޮތުން މިކަމަށް ހައްލެއް ހޯދުމަށްޓަކާ ނައިފަރުގެ ދެކުނުން އޮންނަ ފަޅު ރަށެއް ކަމަށްވާ ވޭވަށް ނައިފަރު ކައުންސިލުގެ އިހްތިސާސްގެ ތެރެއަށް އިތުރުކޮށް ނައިފަރު ކައުންސިލަށް އާމްދަނީ އިތުރުކުރެވޭނެ ގޮތަށް ނައިފަރު ކައުންސިލާއި ހަވާލުކޮށްދިނުމަށް އެދި ސަރުކާރަށް ދަންނަވައި މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެެނެސް މިކަމުގައި އަވަސް ހައްލެއް ހޯދައިދިނުމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް ގަރާރުގައި ވަނީ ގޮވާލާފަ އެވެ.

މީގެއިތުރުން ވޭވަށަކީ މިވަގުތު ބެލެހެއްޓެމުން ނުދާ ހަލާކުވެ ފަނާވަމުންދާ ރަށަކަށްވެފައި، ރަށުގެ ފެހިކަން ވެސް އިހުމާލުގެ ސަބަބުން ނެތިގެންދާ ރަށަކަށްވާއިރު، ކައުންސިލާއި ހަވާލުވި ކޮށްފިނަމަ އެރަށް އެންމެ އެދެވޭ ގޮތެއްގައި ބެލެހެއްޓި، އިހުމާލުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކަށް ހައްލު ލިބިގެންދާނެ ކަމަށްވެސް ކައުންސިލުން ފާސްކުރި ގަރާރުގައި ބުނެފައިވެ އެވެ.