Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ދެ ރައީސުން މާދަމާ ކޮމަންޑޫ ދާއިރާ އަށް ވަޑައިގަންނަވަނީ

ރައީސް ސޯލިހާއި، ރައީސް ނަޝީދު - ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނު ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މާދަމާ ކޮމަންޑޫ ދާއިރާ އަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

ދެ ރައީސުން މާދަމާ ކޮމަންޑޫ ދާއިރާ އަށް ވަޑައިގަންނަވާއިރު މާދަމާ ރޭ ށ.ފޯކައިދޫގައި ބޭއްވުމަށް ވަނީ ހަމަޖައްސާފަ އެވެ.

ރާޝިދުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް މި މަހުގެ ހަވަނަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވެސް ރައީސް ސޯލިހު ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެފަހުން ނައިބު ރައީސް ފައިސަލް ނަސީމް ވެސް ކޮމަންޑޫ ދާއިރާ އަށް ވަޑައިގެންނެވިއިރު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ދާދިފަހުން އެ ދާއިރާ އަށް ދަތުރުފުޅެއް ކުރައްވާފައިވެ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާއި ދިމާކޮށް ސަރުކާރުން އެ ދާއިރާގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާތީ އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ.

އެގޮތުން ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުމުގެ ޕްރޮޖެކްޓު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު އެ މަސައްކަތް މިދިޔަ ހުކުރު ދުވަހު ރަސްމީކޮށް ވަނީ ފަށާފަ އެވެ. އަދި ކޮމަންޑޫ ފުޓްބޯޅަ ދަނޑު ހެދުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފަ އެވެ. އެ މަސައްކަތް ވެސް ކުރަނީ އެމްޓީސީސީންނެވެ.

ސަރުކާރުން ކޮމަންޑޫ ދާއިރާގައި ގިނަ މަޝްރޫއުތަކެއް ހިންގަން ފަށާފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދާދިފަހުން ވަނީ ޕީޕީއެމްގެ ސަރުކާރެއްގައި ކޮމަންޑޫ ކައިރީގައި އޮންނަ ދިގުވެލިދޫގައި އެއާޕޯޓެއް އަޅުއްވަން ވައުދުވެވަޑައިގެންފަ އެވެ.