Last Updated: April 20, 11:32
Saturday, April 20, 2024
ޚަބަރު

ޔާމީން ދެން ޖަލަކަށް ނުލެވޭނެ: އާދަމް ޝަރީފް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެން ޖަލަށް ނުލެވޭނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ ރޯދަ އަށް ހަނދު ބަލާއިރު ޔާމީން އޮންނަވާނީ ޖަލުގައި ކަމަށް ގަބޫލުކުރެވޭ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ރޭ ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެކަމާ ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔާމީން ޖަލަށްލާނެ ކަމުގެ އިންޒާރު ސަރުކާރުން ދެނީ ރިޔާސީ އިންތިހާބުގައި ވާދަކުރާ ވަރުގެ ހިތްވަރު ހުރި ކެންޑިޑޭޓެއް އެމްޑީޕީގައި ނެތުމުން ކަމަށެވެ. އަދި ހިތްވަރު ހުރި ނަމަ ރިޔާސީ އިންތިހާބުގައި ޔާމީނާއެކު ވާދަކުރާނެ މީހެއް ދެއްކުމަށް ވެސް ޝަރީފް ވަނީ ގޮވާލާފަ އެވެ.

"އިރާދަކުރެއްވިއްޔާ ދެނެއް ރައީސް ޔާމީން ޖަލަކަށް ނުލެވޭނެ" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދުގެ ކެމްޕޭނުގައި ރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އަމްރު ވިދާޅުވީ ޔާމީން ޖަލުން މިނިވަންވި ނަމަވެސް ޔާމީނަކީ ދައުލަތުގެ މާލިއްޔަތުން އެތައް ރުފިޔާއެއް ވަގަށް ނަގައިގެން އޭގެއިން ވިޔަފާރިކޮށްފައިވާ ފަރާތެއްކަން ސުޕްރީމް ކޯޓުން ކުރި ހުކުމުން ވެސް އެނގޭ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ޔާމީން މިނިވަން ކުރީ ކުރި ދައުވާގެ ސަބަބުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ މިހާރު އެ އޮތީ ދައުލަތުން އަނެއްކާ ވައްކަން ކުރި ކަމަށް ކޯޓަށް ވައްދާފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ގަބޫލުކުރެވެނީ މި ރޯދަ މަހަށް ހަނދު ބަލާއިރު ޔާމީން އޮންނާނީ ޖަލުގައޭ" އަމްރު ވިދާޅުވި އެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީނަށް އިއްވި ފަސް އަހަރު ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރި ނަމަވެސް ޔާމީން މައްޗަށް އުފުލާފައިވާ އިތުރު ދައުވާތަކުގެ ޝަރީއަތް މިހާރު ވެސް ކްރިމިނަލް ކޯޓުގައި އަންނަނީ ހިނގަމުންނެވެ.