Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ކޮވިޑާއި ގުޅިގެން ގާސިމަށް މަޖިލީހަށް ނުދެވުނަސް ކެމްޕޭނަށް ދެވޭ

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކޮމަންޑޫ ދާއިރާ އަށް ވަޑައިގަންނަވާތީ ކުރީގެ ޖެންޑާ މިނިސްޓަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނާއިބު ރައީސް ޝިދާތާ ޝަރީފް ފާޑު ވިދާޅުވެއްޖެ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ޖޭޕީން އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރަން ނިންމާފައިވާއިރު، ކޮމަންޑޫ ދާއިރާ އަށް ގާސިމް ވަޑައިގަންނަވާނީ މާދަމާ އެވެ.

އެކަމާ ގުޅިގެން ޝިދާތާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑްގެ ހާލަތާއި ގުޅިގެން ހައިރިސް ބޭފުޅަކަށްވާތީ ގާސިމް މަޖިލީހަށް ވަޑައިނުގެން ދެ އަހަރު ދުވަހު މުސާރަ ނަންގަވާފައިވާ ކަމަށެވެ. ނަމަވެސް ކޮވިޑްގެ ހާލަތު އެންމެ ގޯސް މި ދަނޑިވަޅުގައި މިހާރު ކެމްޕޭނަށް ވަޑައިގަންނަވާތީ ޝިދާތާ ވަނީ ފާޑު ވިދާޅުވެފަ އެވެ.

"ރައްޔިތުންނަށް އިހުލާސްތެރި މަނިކުފާނަށް ވެވޭނީ ތި ވަރަށް" ޝިދާތާ ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ އިތުރުން ޕީޕީއެމް އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ކެންޑިޑޭޓުން ވާދަކުރެ އެވެ. އެ ތިން ޕާޓީން ވެސް އަންނަނީ ކޮމަންޑޫ ދާއިރާގައި ފޯރިއާއެކު ކެމްޕޭނުގެ ހަރަކާތްތައް ބާއްވަމުންނެވެ.

މި ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހު އެވެ.