Last Updated: April 23, 18:00
Tuesday, April 23, 2024
ޚަބަރު

އިންތިހާބަށް ފަހު ސަރުކާރު ސައިޒު ވާނެ: ފަތުހީ

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށްފަހު މި ސަރުކާރު ސައިޒު ވާނެ ކަމަށް އެ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ މޫސާ ފަތުހީ އާދަމް ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި ކޮމަންޑޫ ދާއިރާގެ ބަހުސަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ފަތުހީ ވިދާޅުވީ އަންނަ މަހުގެ ފަސްވަނަ ދުވަހަށް ފަހު ހަވަނަ ދުވަހަށް އިރުއަރާނީ ނަސްރަކާއެކު ކަމަށާއި އަދި ހަތްވަނަ ދުވަސް ވެގެންދާނީ އަނެއްކާވެސް މި ސަރުކާރު ސައިޒުވެ، ބިމަށް ތިރިވާނެ ދުވަސް ކަމަށެވެ.

"ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަސް ވެގެންދާނީ އަނެއްކާވެސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ސައިޒުވެ، ގުޑޭ އަދި ބިމަށް ތިރިވާތަން" ފަތުހީ ވިދާޅުވި އެވެ.

ފަތުހީ ވިދާޅުވީ ރޭ ބޭއްވި ބަހުސް އިން މި ސަރުކާރުގެ ހާލަތު އެނގިގެން ގޮސްފައިވާ ކަމަށާއި ރައްޔިތުން އެމްޑީޕީއާ ދުރަށްދާން ޖެހޭ ކަމަށެވެ. އަދި މި ސަރުކާރުގައި ކޮރަޕްޝަން އެބައޮތް ކަމަށާއި ކޮރަޕްޝަނުގައި ބެދިފައި ތިބި މީހުން އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓު ހޯދަން މަސައްކަތް ކުރާއިރު ސަރުކާރުން ނުފޫޒު އިންތިހާ އަށް ބޭނުން ކުރަމުންދާ ކަމަށްވެސް ފަތުހީ ވިދާޅުވި އެވެ.

މީގެއިތުރުން ފަތުހީ ވަނީ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ވަރަށް ހެނދުނު ވޯޓުލުމަށް ވެސް ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ގޮވާލާފަ އެވެ. އަދި ހަވީރު ތިބެން ވާނީ ވޯޓު ފޮށިތަކަށް ހަދާ ގޮތެއް ބަލަން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީ އާއި ޕީޕީއެމްގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ކެންޑިޑޭޓުން ވާދަކުރެ އެވެ. އެ ތިން ޕާޓީން ވެސް އަންނަނީ ކޮމަންޑޫ ދާއިރާގައި ފޯރިއާއެކު ކެމްޕޭނުގެ ހަރަކާތްތައް ބާއްވަމުންނެވެ.