Last Updated: April 25, 11:25
Thursday, April 25, 2024
ޚަބަރު

އެމްޑީޕީގެ ކެންޑިޑޭޓް ނުހޮވިއްޖެނަމަ ކޯލިޝަން ލީޑަރުން ލަދުގަންނަންޖެހޭނެ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ކެންޑިޑޭޓް ނުހޮވިއްޖެނަމަ ކޯލިޝަނުގެ ލީޑަރުން ލަދުގަންނަންޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދަށް ތާއީދު ހޯދުމަށް ށ.މަރޮށީގައި މިއަދު ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަދައްކަމުން ގާސިމް ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓް ނުހޮވިއްޖެ ނަމަ ސަރުކާރުގައި ތިބި ވެރިންނާއި އަދި ކޯލިޝަނުގެ ލީޑަރުން ވެސް ލަދުގަންނާނެ ކަމަށެވެ.

"އެއީ އަޅުގަނޑުމެންގެ ކޯލިޝަން ސަރުކާރަކަށް ވާތީ. އެހެންވީމަ އަޅުގަނޑު މިއަދު މިހުރީ. އަޅުގަނޑުގެ މި އުމުރުގައި ތަންތަނަށް ނައިސް މި ކޮވިޑުގެ ދުވަސްވަރު މި ހުންނަނީ ވަރަށް ބޮޑަށް އެކަހެރިކަމާ އެކީގައި ދުރުގައި" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް އޭނާ ހެޔޮއެދޭނެ ކަމަށާއި އެ ދާއިރާގެ ރައްޔިތުންނަށް ތަނަވަސްކަން ލިބުމަކީ އޭނާ އަށް ވެސް ލިބޭ އުފަލެއް ކަމަށެވެ. އަދި އެހެން ޕާޓީތަކުން ދައްކާ ވާހަކަތަކާއި ދިއްކޮށްލާ ހަދިޔާއެއްގެ ސަބަބުން ވިޔަސް އޭރަކު އޮންނަ ސަރުކާރެއްގައި ހުންނަ ވެރިއެއްގެ ވިސްނުމާ އެއްގޮތަށް ކަންތައް ކުރެއްވުމަށް ގާސިމް ވަނީ ގޮވާލާފަ އެވެ.

"ރައީސުލްޖުމްހޫރިއްޔާ އަދި ވެރިކަން ކުރަން އޮތް މައި ޕާޓީ ހިތު ޖައްސާލާފައި ތިބޭފުޅުން އެހެން ޕާޓީއެއްގެ މީހަކު ހޮވުމުން ކޮބައިތޯ އޮތް މޮޅެއް، ރަނގަޅެއް؟ މިއަދު މި ރަށަށް ވަތްއިރު ވެސް މިއޮތީ ބަނދަރު ބޮޑުކުރަނީ" ގާސިމް ވިދާޅުވި އެވެ.

އެމްޑީޕީގެ ނޫން ކެންޑިޑޭޓެއް ހޮވައިގެން ކޮމަންޑޫ ދާއިރާ އަށް ލިބޭނެ ފައިދާއެއް ނެތް ކަމަށާއި އެހެންކަމުން ސުޕަ މެޖޯރިޓީއާއެކު އެ ކެންޑިޑޭޓު ހޮވުމަށް ގާސިމް ވަނީ ގޮވާލާފަ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ އިތުރުން ޕީޕީއެމް އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ކެންޑިޑޭޓުން ވާދަކުރެ އެވެ. އެ ތިން ޕާޓީން ވެސް އަންނަނީ ކޮމަންޑޫ ދާއިރާގައި ފޯރިއާއެކު ކެމްޕޭނުގެ ހަރަކާތްތައް ބާއްވަމުންނެވެ.

މި ދާއިރާގެ ބައި އިލެކްޝަން އޮންނާނީ އަންނަ މަހުގެ ފަސްވަނަ ދުވަހު އެވެ.