Last Updated: March 28, 18:00
Thursday, March 28, 2024
ޚަބަރު

ރާއްޖެ ހަލާކުގެ ތެރެއަށް ވައްޓާލަނީ ޖުޑީޝަރީގެ ބޭއިންސާފުން: ޝަހީމް

ރާއްޖެ ހަލާކުގެ ތެރެއަށް ވައްޓާލަނީ ޖުޑިޝަރީގެ ބޭއިންސާފުން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް މިހެން ވިދާޅުވެފައި މިވަނީ ކޮވިޑް-19 އާއި ގުޅިގެން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވިފައިވާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ފެށުން ފަސްކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ އަށް ތާވަލުކުރުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޝަހީމް ވިދާޅުވީ ރާއްޖޭގެ ކަންކަން އަބަދުވެސް ހަލާކުގެ ތެރެއަށް ވައްޓާލަނީ ރާއްޖޭގެ ޖުޑީޝަރީގެ ބޭއިންސާފު ކަމާއި ތަފާތު ކުރުންތަކުގެ ސަބަބުން ކަމަށެވެ. އަދި ދުނިޔޭގެ އެދުމާއި ފައިސާގެ ދަހިވެތި ކަމުގައި ޖެހިފައިވާ ފަނޑިޔާރުގެއެއް ނަމަ އެއީ ގައުމެއްގެ ހަލާކު ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވަނީ ވ. އަތޮޅު އާރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކާ އެ ރަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ލޯންޑާކުރި ކަމުގެ ތުހުމަތުގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާގެ އިތުރުން ރިޝްވަތު ހިފުމުގެ ދައުވާގެ ޝަރީއަތެވެ. ޔާމީންގެ އިތުރުން މި މައްސަލާގައި ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލަ އެވެ. އޭނާގެ މައްޗަށް އުފުލީ ރިޝްވަތު ދިން ކަމުގެ ދައުވާ އެވެ.

މި މައްސަލައިގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާވެސް ޔާމީންގެ މައްޗަށް ވަނީ އުފުލާފަ އެވެ.

މި ދައުވާތައް އުފުލާފައިވާއިރު މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރުމުން އެމަނިކުފާނު މިހާރު ވަނީ މިނިވަންވެފަ އެވެ.