Last Updated: April 20, 18:41
Saturday, April 20, 2024
ޚަބަރު

އިގުތިސާދީ ކުރިއެރުމާއެކު ޖަލުތައް ހުސްވާނެ: މައުސޫމް

ރާއްޖެ އަށް އަންނަ އިގުތިސާދީ ކުރިއެރުމާއެކު ޖަލުތައް ހުސްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިރޭ "ސަންގުޓީވީ" ޕްރޮގްރާމްގައި ވާހަކަދައްކަމުން މައުސޫމް ވިދާޅުވީ ފަތުރުވެރިން އުޅޭގޮތް ފެނިގެން ބަޔަކު ގޯސްވާނެ ކަމަށް ބުނުމަކީ ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް އަމާޒުކޮށް ބުނާ ކުޑައިމީސް ބަހެއް ކަމަށާއި އެއަށް ވުރެ ދިވެހިންގެ އަގީދާ ވަރުގަދަ ވާނެ ކަމަށެވެ.

އެގޮތުން އިންސާނުން ތެރޭ ކުށްކުރާ މީހުން ވެސް އުޅޭ ކަމަށާއި ޖަލުތައް ހަދާފައި ހުންނަނީ އެ ސަބަބާއި ހުރެ ކަމަށް މައުސޫމް ވިދާޅުވި އެވެ. ނަމަވެސް ރާއްޖެ އަށް އަންނަ އިގްތިސާދީ ކުރިއެރުމުގެ ތެރެއިން ޖަލުތައް ހުސްވާނެ ކަމަށް މައުސޫމް ވިދާޅުވި އެވެ.

"ދިވެހިންނަކީ އުފެއްދުންތެރި ބަޔަކަށްވެ، ކުށަށް އަރައިގަންނަން ނުޖެހި، ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތްތައް ކުރުމުގެ ފުރުސަތު ލިބި، އިރާދަކުރެއްވިއްޔާ ޖަލުތައް ހުސްވާނެ. ހުރިހާ ދިވެހިން ޖަލުން ނުކުމެ މުޖުތަމައު ބިނާކުރުމުގެ ހަރަކާތްތެރިވާން ފަށާނެ" މައުސޫމް ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވީ މިއަހަރު ފެށުނު އިރު ރާއްޖެ އަށް ތައާރަފް ކުރެވުނު "ހޯމް ސްޓޭ" ޓޫރިޒަމްގެ ތެރެއިން ރަށްތަކަށް އަންނަ ފަތުރުވެރިން އަންނަނީ ދިވެހިންގެ އާދަކާދަ އާއި ތަފާތު ތަޖުރިބާއެއް ކުރުމުގެ ގޮތުން ކަމަށެވެ. އަދި ޓޫރިޒަމް ދާއިރާގެ ސަބަބުން އެހެން މީހުންނަށް ގެއްލުންވާ ކަމެއް ނުކުރާނެ ކަމަށާއި ކިރިޔާވެސް ކަސިޔާރެއް ވާނަމަ އަޅަންޖެހޭ ފިޔަވަޅުތަކާއި މިސްރާބު ބަދަލުކުރަންޖެހޭ ގޮތް އެނގޭނެ ކަމަށް މައުސޫމް ވިދާޅުވި އެވެ.

އެގޮތުން ރާއްޖޭގެ ޓޫރިޒަމް ގެންދާނީ ދިވެހިންނަށް ހުރިހާ ގޮތަކުން ވެސް ފައިދާ ލިބޭ އަދި އިސްލާމްދީނަށް ބުރޫ ނާރާނެ ގޮތަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.