Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

އައްޑޫ މުއްސަނދި ކޮށްލާނަން: މައުސޫމް

އައްޑޫ ސިޓީ މުއްސަނދި ކޮށްލާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ރޭ "ސަންގުޓީވީ" ޕްރޮގްރާމެއްގައި ވާހަކަދައްކަމުން މައުސޫމް ވިދާޅުވީ އައްޑޫގައި ބެޑް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި އަދި ވަރަށް ހަނި ދޭތެރެއަކުން ކެނަރީފް ރިސޯޓު ވެސް މިހާރު ހުޅުވިފައިވާ ކަމަށެވެ. ނަމަވެސް ކެނަރީފް ރިސޯޓު އަދި ގަދައަށް ހިނގައިގަތީ ނޫން ކަމަށާއި އުއްމީދަކީ މިހާރު ބަންދުކޮށްފައި އޮތް ޝަންގްރިއްލާ ރިސޯޓު ވެސް ހުޅުވެގެންދިޔުން ކަމަށް މައުސޫމް ވިދާޅުވި އެވެ.

"އެ ހުރިހާ ކަމެއް ހުރިގޮތެއް ހުއްޓާ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހަމަ މުއްސަނދި ކޮށްލާނަން އިނގޭތޯ، އައްޑޫ ސިޓީ ވެސް" މައުސޫމް ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވީ ފަތުރުވެރިކަމަށް ބޭނުންވަނީ ދަތުރުފަތުރު ކަމަށާއި އައްޑޫ އެއާޕޯޓަށް ބޯޓުތައް ޖެއްސި ވަރަކަށް އެކަންކަން ފަހިވާނެ ކަމަށެވެ. އަދި އައްޑޫގައި ތިބީ ފަތުރުވެރިކަމުގެ ޗެމްޕިއަނުން ކަމަށާއި "ހޯމް ސްޓޭ" ޓޫރިޒަމްގެ ބޭނުން ވަރަށް ފުޅާކޮށް އައްޑޫގައި ތިބި ފަރާތްތަކުން ހިފާނެ ކަމަށާއި އޭރުން ބެޑް ކެޕޭސިޓީ އިތުރުވެގެންދާނެ ކަމަށްވެސް މައުސޫމް ވިދާޅުވި އެވެ.

މީގެއިތުރުން އައްޑޫ އަކީ އިނގިރޭސިންނާއި ވަރަށް ގުޅުން އޮތް ތަނަކަށް ވާއިރު ކުރިން ރާއްޖެ އައި ވަރަށް ވުރެ ތިޔާގިކޮށް އިނގިރޭސި ފަތުރުވެރިން ރާއްޖެ އަންނަ ގޮތް ވެސް ހަދަންޖެހޭ ކަމަށް މައުސޫމް ވިދާޅުވި އެވެ. އަދި އިނގިރޭސިންނާއި ގުޅުން ހުރި އުފެއްދުންތައް ވެސް އައްޑޫގައި އެބަހުރި ކަމަށާއި އެފަދަ ކަންކަން ޕްރޮމޯޓު ކުރުމުން އައްޑޫ އަށް އަންނަ އިނގިރޭސި ފަތުރުވެރިންގެ އަދަދު އިތުރުކޮށްލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އޭރުން އިނގިރޭސިންނަށް ކަމުދާ މަންޒިލަކަށް ވާނެ ސަދަން މޯލްޑިވްސް" މައުސޫމް ވިދާޅުވި އެވެ.