Last Updated: April 19, 06:56
Friday, April 19, 2024
ވިޔަފާރި

މިދިޔަ އަހަރުގެ ފަހު ކުއާޓަގައި އެސްޓީއޯގެ އާމްދަނީ ދެގުނައަށް ވުރެ އިތުރު

އެސްޓީއޯ ހެޑް އޮފީސް - ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް

2020 ވަނަ އަހަރުގެ ފަހު ކުއާޓަރަށް ވުރެ މިދިޔަ އަހަރުގެ ފަހު ކުއާޓަގައި އެސްޓީއޯގެ އާމްދަނީ ދެގުނައަށް ވުރެ އިތުރު ވެއްޖެ އެވެ.

އެސްޓީއޯ އިން ބުނީ ޓެކްސް އަށް ކެނޑުމަށްފަހު ހަތަރުވަނަ ކުއާޓާގެ ސާފު ފައިދާއަކީ 131 މިލިއަން ރުފިޔާ ކަމަށެވެ. ޓެކުހަށް ކެނޑުމުގެ ކުރިން، މުޅި އަހަރުގެ ސާފު ފައިދާގެ ގޮތުގައި ވަނީ 571 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލައި 32 އިންސައްތައިގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި އެސްޓީއޯ އަށް ވަނީ 10 ބިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާ ބަލައިއިރު 41 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ ހަތަރުވަނަ ކުއާޓަރުގައި އެސްޓީއޯއަށް އެންމެ ބޮޑު އާމްދަނީއެއް އެ ކުންފުންޏަށް ލިބިފައިވަނީ ތެޔޮ ވިއްކައިގެންނެވެ. ތެލުން 2.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެސްޓީއޯ އިން ބުނީ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު، 26 އިންސައްތަ އިތުރުވެފައިވުން ކަމަށެވެ. އަދި ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ މި ވިޔަފާރިތަކުން ލިބުނު އާމްދަނީ އިތުރުވެެފައިވާ ކަމަށްވެސް އެސްޓީއޯ އިން ބުނެއެވެ.