Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

އެމްޑީޕީގެ މޫނުމަތީގައި އެތިފަހަރެއް ޖަހާފައި ލިބޭނެ މޮޅެއް ނެތް

އެމްޑީޕީގެ މޫނުމަތީގައި އެތިފަހަރެއް ޖެހުމުން ލިބޭނެ މޮޅެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދަށް ތާއީދު ހޯދުމަށް ށ.ފޯކައިދޫގައި މިއަދު ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަދައްކަމުން ގާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާއި އެމްޑީޕީގެ މޫނުމަތީގައި އެތިފަހަރެއް ޖަހާފައި ދިޔުމުން ލިބޭނެ މޮޅެއް އެއްވެސް ކަމަކުން ނެތް ކަމަށާއި ހައްތަހާ ވެސް ލިބޭނީ ދެރަ ކަމަށެވެ.

"އެންމެ ކުޑަވެގެން އާސަންދަ ދޭން އިންނާނީ ވެސް އެމްޑީޕީ ދެކެ ލޯބިވާ، އެމްޑީޕީ އަށް އިހުލާސްތެރި މިއަދުގެ ސަރުކާރަށް ލޯބިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަމާނާތްތެރި ބޭފުޅުން. ދެން ކިހިނެއްތޯ މާ ފަސޭހައިން އާސަންދައިގެ ޝަރުތުތައް ފުރިހަމަވެއޭ ބުނާނީ، އެހެން މިހެން ހަދާފައި ކަޓުވާނުލާނެ ކަމަށް އަޅުގަނޑުމެންނަށް ވިސްނެނީތޯ" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ކޮމަންޑޫ ދާއިރާގައި ސަރުކާރުން އެތައް މިލިއަން ޑޮލަރުގެ ޕްރޮޖެކްޓުތައް ހިންގަމުންދާ ކަމަށާއި އަދި ކުރިއަށް އަންނަން ވެސް އެތައް ޕްރޮޖެކްޓުތައް އެބަހުރި ކަމަށެވެ. އެގޮތުން ބައި އިލެކްޝަނުގައި ބޮޑު ތަފާތަކުން އެމްޑީޕީގެ ކެންޑިޑޭޓު ހޮވާ އޭރަކު އޮންނަ ސަރުކާރަކާ އެކު ތިބިކަން ރައްޔިތުން ހާމަކޮށްދޭންޖެހޭ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

މީގެއިތުރުން މިހާރު ވެރިކަމުގައި ހުންނެވީ ވަރަށް އިހުލާސްތެރިކަމާއެކު ކަންކަން ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށާއި މިފަދަ ދުވަސްވަރެއްގައި ސަރުކާރަށް އޮންނަ ތާއީދު ކުޑަވަގެންދާތަން ފެނުމަކީ ހިތް ރުހޭނެ ކަމެއް ނޫން ކަމަށްވެސް ގާސިމް ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓު ނޫން ކެންޑިޑޭޓެއް ހޮވިއްޖެނަމަ އެކަމުގެ ނިކަމެތިކަން އަންނާނީ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ކަމަށާއި އެފަދަ މޮޔައެއް ނުހެއްދެވުމަށް ގާސިމް ވަނީ ގޮވާލާފަ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ އިތުރުން ޕީޕީއެމް އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ކެންޑިޑޭޓުން ވާދަކުރެ އެވެ. އެ ތިން ޕާޓީން ވެސް އަންނަނީ ކޮމަންޑޫ ދާއިރާގައި ފޯރިއާއެކު ކެމްޕޭނުގެ ހަރަކާތްތައް ބާއްވަމުންނެވެ.

މި ދާއިރާގެ ބައި އިލެކްޝަން އޮންނާނީ އަންނަ މަހުގެ ފަސްވަނަ ދުވަހު އެވެ.