Last Updated: April 20, 09:47
Saturday, April 20, 2024
ޚަބަރު

އޭސީސީގައި ބޮޑުތަޅު އެޅުވުމަކީ ސަރުކާރުގެ ހުދުމުހުތާރުކަން

އިދިކޮޅުން ބޭއްވި ޖަލްސާގެ ތެރެއިން - ފޮޓޯ: ޕީޕީއެމް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ދޮރުގައި ބޮޑުތަޅު އެޅުވުމަކީ މި ސަރުކާރުގެ ހުދުމުހުތާރުކަން ކަމަށް އިދިކޮޅު ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމުން މިހެން ބުނެފައިވަނީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު އޮޅުވާލާފައިވާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހުށަހެޅި މައްސަލަ ބެލުމާމެދު ވަކި ގޮތެއް ނިންމިފައި ނުވާ ކަމަށް އޭސީސީން މިއަދު ބުނުމާ ގުޅިގެންނެވެ.

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނަށް މިއަދު ފޮނުއްވި ސިޓީއެއްގައި އޭސީސީން ބުނީ ރިޔާސީ އިންތިހާބުގެ މައްސަލަތައް ބެލުމާމެދު ވަކި ގޮތެއް ނުނިންމި ވަނީ ކޮމިޝަނުގައި މެމްބަރުން ނެތި ކޮމިޝަން ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތުމުން ކަމަށެވެ.

އެކަމާ ގުޅިގެން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރިޔާސީ އިންތިހާބާއި ގުޅޭ މައްސަލަތަކާއި އަދި ބައި އިލެކްޝަނެއް ބޯމަތިވެ ކޮރަޕްޝަންގެ އެތައް ކަމެއް ހިންގަމުންދާއިރު އޭސީސީގެ ދޮރުގައި ބޮޑު ތަޅު އަޅާފައި ބެހެއްޓުމަކީ މި ސަރުކާރުގެ ހުދުމުހުތާރުކަން ކަމަށެވެ.

މި ވެރިކަމުގައި އޭސީސީ އަށް އައްޔަންކުރި މެމްބަރުން މަގާމުން އިސްތިއުފާ ދެއްވީ ކޮމިޝަނުން މައްސަލަތައް ބެލުމުގައި ލަސްކަމަށް ބުނެ ކޮމިޝަނުގެ މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމުމުންނެވެ.

ރައީސް އޮފީހުން ވަނީ އެ ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 31 އާ ހަމައަށް ހުޅުވާލާފަ އެވެ.

ރިޔާސީ އިންތިހާބު އޮޅުވާލި ކަމަށް ބުނާ މައްސަލަ އިދިކޮޅުން ވަނީ އޭސީސީގެ އިތުރުން ފުލުހަށާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަދި އިންތިގާލީ އިންސާފުގެ އޮފީހަށް ވެސް ހުށަހަޅާފަ އެވެ.