Last Updated: April 19, 17:23
Friday, April 19, 2024
ޚަބަރު

ކޮމަންޑޫ ގޮނޑި އެމްޑީޕީއަށް ލިބެންވާނެ ކަމަށް ގަބޫލުކުރާ ޕީޕީއެމް މީހުން އެބަތިބި

ހަސަން ލަތީފް-- ފޮޓޯ: މިހާރު

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީ އަށް ލިބެންވާނެ ކަމަށް ގަބޫލުކުރާ ޕީޕީއެމްގެ ބައެއް މީހުން އެބަތިބި ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ރޭ "ވީޓީވީ" ގެ ޕްރޮގްރާމެއްގައި ހަސަން ވިދާޅުވީ މި ބައި އިލެކްޝަނަކީ އެމްޑީޕީން އުއްމީދު ކުރި އަދި ދެކެން ބޭނުންވި ބައި އިލެކްޝަނެއް ނޫން ކަމަށާއި އެގޮތުން މި ގޮނޑި އެމްޑީޕީ އަށް ލިބެންވާނެ ކަމަށް ގަބޫލުކުރާ ޕީޕީއެމްގެ މީހުން ވެސް އެބަތިބި ކަމަށެވެ.

އެގޮތުން މި ގޮނޑީގައި މީގެކުރިން ވެސް ހުންނެވީ އެމްޑީޕީގެ މެމްބަރެއް ކަމަށްވާއިރު ފަސް އަހަރުގެ ދައުރު ނިމެންދެން އެޖެންޑާ-19 ގެ ކަންކަން ނިންމުމަށްޓަކާ އެ ގޮނޑީގައި އިންނަން ވާނީ އެމްޑީޕީގެ މީހެއް ކަމަށް ދެކޭ މީހުން ވެސް މަދެއް ނޫން ކަމަށް ހަސަން ވިދާޅުވި އެވެ.

"އަޅުގަނޑު ނުދަންނަވަން ކޮންމެހެން ވާދަކުރައްވައިގެން ނުވާނެއެކޭ އެހެން ބޭފުޅުން. އެހެން ނަމަވެސް އޭގައި ރީތި ގޮތެއް ކަމުގައި އެ ބޭފުޅުން ދެކެވަޑައިގަންނަވާ އެގޮތް. އެހެން ތިއްބެވި ބޭފުޅުން ވެސް އެބަ ތިއްބެވި" ހަސަން ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ އިތުރުން ޕީޕީއެމް އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ކެންޑިޑޭޓުން ވާދަކުރެ އެވެ. އެ ތިން ޕާޓީން ވެސް އަންނަނީ ކޮމަންޑޫ ދާއިރާގައި ފޯރިއާއެކު ކެމްޕޭނުގެ ހަރަކާތްތައް ބާއްވަމުންނެވެ.

މި ދާއިރާގެ ބައި އިލެކްޝަން އޮންނާނީ އަންނަ މަހުގެ ފަސްވަނަ ދުވަހު އެވެ.