Last Updated: April 25, 20:04
Thursday, April 25, 2024
ޚަބަރު

ރައްޔިތުން ރައްކާތެރި ކުރުމުގެ ޖޯޝް ފުލުހުންގެ އެބަހުރި

ރައްޔިތުން ރައްކާތެރިކުރުމުގެ ޖޯޝް ފުލުހުންގެ ކިބައިގައި އެބަހުރި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ސީޕީ މިހެން ވިދާޅުވީ ށ. މަރޮށީގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ. މި ޕޮލިސް ޕޯސްޓު ހުޅުވައި ދެއްވީ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު އެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުންގެ ހިދުމަތް ރައްޔިތުން އެދޭ ފަދަ ހިދުމަތަކަށް ހެދުމަށާއި ކުށްކުރުމާއި ކުށުގެ ބިރުވެރިކަމުގެ ހާލަތާއި އާންމުކޮށް އަންނަ ކުށުގެ މައްސަލަތަކާއި ހިދުމަތް ދިނުމުގައި ބޭނުންވާ ގާބިލުކަމާއި ވަސީލަތްތައް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ފުލުހުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކަށް ހެޔޮ ބަދަލު އަންނަމުންދާކަން ޔަގީންވެއްޖެ ކަމަށާއި ހާއްސަކޮށް ރައްޔިތުން ރައްކާތެރިކުރުމުގެ ޖޯޝް ފުލުހުންގެ ކިބައިގައި ހުރި ކަމަށް ސީޕީ ވިދާޅުވި އެވެ.

މީގެއިތުރުން މުޅި ރާއްޖެއަށް ފަށާފައިވާ ރައްޔިތުންނާ ގުޅިގެން ހިންގާ އަވައްޓެރި ފުލުހުންގެ ހިދުމަތް މަރޮށީގައި ކުރިއަށް ގެންދިއުމާއި ކުރިއަށް އޮތް ދުވަސްތަކުގައި ރަށުގައި އަމާންކަމާއި ރައްކާތެރިކަން ގާއިމުވެގެންދާނެ ކަމަށް ސީޕީ ވިދާޅުވި އެވެ.