Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

އިންތިގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފައްދަން ފަށައިފި

މެމްބަރު އިމްތިޔާޒް ފަހުމީ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ގެ ނަޒާހަތްތެރިކަމާ މެދު އެމްޑީޕީ އާންމު މެންބަރުން ސުވާލު އުފައްދަން ފަށައިފި އެވެ.

އިންތިގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފައްދަން ފެށީ ރޭ ސަންގު ޓީވީން ގެނެސްދިން އެމްޑީޕީގެ ޗެއާޕާސަންގެ ބަހުސްގައި އިންތި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

އެގޮތުން ރޭގެ ބަހުސްގައި އިންތިގެ ބެބޭފުޅެއް އަވަހާރަވިއިރު އަމިއްލަ ނަމުގަ ވަރުވާއެއް އޮތް ރަށެއް އޭރު ގަވާއިދު އޮންނަ ގޮތުން، އަމިއްލަ ނަމުގައި ހަދާފައި އޮންނަ އެއްބަސްވުންތައް ވާރިސުންނަށް ވާރުތަ ނުވާތީ، މިގޮތަށް މިކަން ދިމާވުމުން، އިންތި އާއި ރައީސް ނަޝީދު ހިމެނޭ ގޮތަށް އޭރުގެ ފިޝަރީޒް މިނިސްޓަރު ޒަހާއާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ގުޅުއްވައިގެން، އުސޫލު ބަދަލުކޮށް އެރަށް ވަނީ ވާރިސުންނަށް ބަދަލު ކޮށްފައިވާ ކަމަށާއި އެކަމުގެ ހަގީގަތަކީ ކޮބައިތޯ އެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން އިންތި ވިދާޅުވީ ސިޔާސަތެއް ބަދަލު ކޮށްފައިވާ ކަމަށާއި އެ ސިޔާސަތުތައް ބަދަލުކުރީ ރައީސް އޮފީހުން ކަމަށެވެ. އަދި މިގޮތަށް ހިނގާ ހުރިހާ މައްސަލަތަކެއްގައި މީހުން މަރުވިޔަސް އެމީހާގެ އެ ވާރިސުންނަށް ކަންކަން ބަދަލުވެގެންދާ ކަމަށް އިންތި ވިދާޅުވި އެވެ.

އެ ސިޔާސަތު ބަދަލުކުރީ އިންތިގެ ތިމާގެ ބޭފުޅަކު ނިޔާވުމުން ނޫންތޯ ސުވާލު ކުރެއްވުމުން އިންތި ވިދާޅުވީ "އަޅުގަނޑަކަށް ނޭނގޭ" ކަމަށެވެ.

މި ސުވާލަށް ރައްދު ދެއްވުމަށް ލިބުނު ފުރުސަތުގައި ވާހަކަދައްކަމުން އިންތިގެ ވާދަވެރިޔާ އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި އޭނާގެ ބައްޕަގެ އަތުގައި ރަށެއް އޮތް ކަމަށާއި ބައްޕަ ނިޔާވި ނަމަވެސް އެ ރަށް އެގޮތަށް ވާރުތަވެފައި ނުވާ ކަމަށެވެ.

މީގެއިތުރުން އެ ރަށުގެ މައްސަލާގައި އިންތި ގުޅުއްވިތޯ ސުވާލު ކުރެއްވުމުން ފައްޔާޒު ވަނީ އިންތި ގުޅުއްވި ކަމަށާއި މެސެޖުތައް ވެސް ފޯނުގައި އެބަހުރި ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އިންތި ވަނީ އެކަމުގައި ފައްޔާޒާށް ގުޅުއްވި ހަނދާނެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

މާދަމާ ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަކީ ސިޔާސީ ޕާޓީއަކުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންތިހާބެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 90،000 އަށް ވުރެ ގިނަ މެމްބަރުން ލިބިފައިވެ އެވެ.