Last Updated: April 19, 06:08
Friday, April 19, 2024
ޚަބަރު

ޔޫއޭއީ ރައީސްގެ ތައުޒިޔާ ދަފުތަރުގައި ރައީސް ސޮއިކުރައްވައިފި

ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ރައީސް، އައްޝައިޚު އަލް މަރްޙޫމް ޚަލީފާ ބިން ޒާއިދު އާލް ނަހްޔާންގެ ހަނދާނުގައި، ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ސޮއިކުރައްވައިފި އެވެ.

ޖެން މޯލްޑިވްސްގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސް ލިޔުއްވި ބަޔާނުގައި ޔޫއޭއީގެ ރައީސް އަކީ އެ ޤައުމުގެ ރައްޔިތުންގެ ކުރިއެރުމާ ތަރައްޤީއަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ވިޝަނަރީ ލީޑަރެއް ކަމަށް ވިދާޅުވެފައިވެ އެވެ. އަދި އެމަނިކުފާނުގެ ޚިދުމަތްތަކަކީ ޔޫއޭއީގެ ރައްޔިތުން ހަނދުމަ އާކުރާނެ ޚިދުމަތްތަކެއްކަން ރައީސް ފާހަގަކުރެއްވި އެވެ.

ޔޫއޭއީގެ ރައީސްގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސޯލިހު މާދަމާ ޔޫއޭއީގެ ވެރިރަށް އަބޫދާބީ އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. ޔޫއޭއީގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި ތިން ދުވަހަށް ދިވެހި ގައުމީ ދިދަ ބައިދަނޑި އަށް ތިރިކުރަން ރައީސް ވަނީ ނިންމަވާފަ އެވެ.

ޔޫއޭއީގެ ރައީސް އަވަހާރަވެފައިމިވަނީ ސިއްހީ ހާލުކޮޅު ގޯސްކޮށް އުޅޭތާ ގިނަ ދުވަސްތަކެއް ފަހުން އިއްޔެގެ ވަގުތެއްގަ އެވެ. އަވާހަރަވިއިރު އުމުރުފުޅަކީ 73 އަހަރެވެ.

ޔޫއޭއީގެ ރައީސްކަމުގެ މަގާމާއި ހަލީފާ ބިން ޒަޔިދް ހަވާލުވެވަޑައިގެންނެވީ 2004 ވަނަ އަހަރު އެވެ.