Last Updated: April 20, 10:35
Saturday, April 20, 2024
ވިޔަފާރި

މެކްޑޮނަލްޑްސް ރަޝިއާ އެއްކޮށް ދޫކޮށްލަނީ

ޔުކްރޭނާ ދެކޮޅަށް ރަޝިއާ އިން މާޗް މަހުގެ ތެރޭގައި ފެށި ހަނގުރާމައާ ހެދި ދަތިކުރުމުގެ ގޮތުން ރަޝިއާގައި ވިޔަފާރި މެދުކަނޑާލި އެމެރިކާގެ މަޝްހޫރު ފާސްޓް ފުޑް ކުންފުނި، މެކްޑޮނަލްޑްސް އެ ގައުމުގައި އެއްކޮށް ވިޔަފާރި ހުއްޓާލަން ނިންމައިފި އެވެ.

ރަޝިއާގައި ވިޔަފާރި ހިންގާތާ 30 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން، އެ ގައުމު ދޫކޮށްލަން ނިންމައި، މެކްޑޮނަލްޑްސް އިން މިހާރު ވަނީ އެ ކުންފުނިން ހިންގި ރަޝިއާގެ ރެސްޓޯރަންޓްތައް ވިއްކައިލަން ވެސް ނިންމިކަމް އިއުލާންކޮށްފަ އެވެ. މި ގޮތަށް ނިންމި އިރު، މާޗް މަހުގެ ތެރޭގައި މެކްޑޮނަލްޑްސް އިން ވަނީ ރަޝިއާގައި ހިންގަމުން އައި 850 އައުޓްލެޓެއް ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ރަޝިއާގައި ހިންގި އައުޓްލެޓްތައް ވިއްކައިލާނީ ވެސް އެ ގައުމުގެ ބަޔަކަށް ކަމަށާއި ދެން ކުރިއަށް އޮތް ތަނުގައި މެކްޑޮނަލްޑްސްގެ ވިޔަފާރި އެއްގޮތަކަށް ވެސް ރަޝިއާގައި އެއްވެސް ހައިސިއްޔަތަކުން ނުހިންގާނެ ކަމަށެވެ. އަދި މި ނިންމުމަކީ ރަޝިއާގެ އަމަލުތައް މިހާރު ހުރި ގޮތުން މެކްޑޮނަލްޑްސް ގަބޫލުކުރާ އުސޫލުތަކާއި ހަމަތަކަށް ތަބާނުވާ ގައުމަކަށްވާތީ ނިންމި ނިންމުމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

"މި ނިންމުމަކީ ފަސޭހަ ނިންމުމެއް ވެސް ނޫން. އެކަމަކު އެ ނިންމުން ނިންމަން އަހަރެމެންނަށް މަޖުބޫރުވެގެން އެގޮތަށް ނިންމީ." މެކްޑޮނަލްޑްސްގެ ރައީސް އަދި ޗީފް އެގްޒެކެޓިވް ކްރިސް ކެމްޕްޒިންސްކީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަޝިއާގައި ވިޔަފާރި ހުއްޓާލާތީ ކުންފުނީގައި މަސައްކަތްކުރަމުން ދިޔަ 62،000 މުވައްޒަފުންނަށް، ރަޝިއާގެ އައުޓްލެޓްތައް ވިއްކައިލެވެންދެން މުސާރަ ދޭނެ ކަމަށެވެ. އަދި އެތަންތަން ގަންނަ ފަރާތްތަކުން މުވައްޒަފުންނަށް ވަޒީފާ ހަމަޖައްސައިދޭން މަސައްކަތްކުރާނެ ކަމަށް ވެސް ކްރިސް ވިދާޅުވި އެވެ.

ރަޝިއާގައި ހުޅުވި މެކްޑޮނަލްޑްސްގެ ފުރަތަމަ އައުޓްލެޓަކީ ވެރިރަށް މޮސްކޯގައި 1990 ގައި ހުޅުވި ތަނެވެ. އެތަނުގެ ވިޔަފާރި މި ހުއްޓާލަނީ އޭގެ 32 އަހަރު ފަހުންނެވެ.