Last Updated: April 19, 22:45
Friday, April 19, 2024
ދުނިޔެ

ނޭޓޯގެ މެމްބަރުކަމަށް ފިންލޭންޑާއި ސްވިޑްން ހުށަހަޅައިފި

ނޭޓޯއާ ގުޅެން ފިންލޭންޑާއި ސްވިޑްން ރަސްމީކޮށް ހުށަހަޅައިފި އެވެ.

އެ ދެ ގައުމުން އެކަން ހުށަހެޅުމާ ގުޅިގެން ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް މަރުބަހާ ވިދާޅުވެ، އެ ވާހަކަ ޓްވީޓް ވެސް ކުރައްވާފައިވެ އެވެ. އޭނާ ވިދާޅުވީ މި ދަނޑިޅަކީ ފިންލޭންޑާއި ސްވިޑްން އިން މެމްބަރުކަން ހޯދަން ހުށަހަޅަން ވެސް ވަރަށް މުނާސަބު ވަގުތެއް ކަމަށާއި އަދި މިއީ ވަރަށް ތާރީހީ ކަމެއް ކަމަށެވެ.

އެ ދެ ގައުމުން ނޭޓޯއާ ގުޅެން ނިންމާފައިވާތީ ރަޝިއާ އިން ދިޔައީ ތަފާތު އެކި ކަހަލަ އިންޒާރު ވެސް ދެމުންނެވެ. އެ ގައުމުން މިހާރު ޔުކްރޭނާ ދެކޮޅަށް ފަށާފައި އޮތް ހަނގުރާމައިގެ އަސްލަކީ ވެސް ޔުކްރޭނުން ނޭޓޯއާ ގުޅެން މަސައްކަތްކުރަމުން ގޮސްފައި އޮތުމެވެ.

ނޭޓޯއާ ގުޅެން ފިންލޭންޑުން ހުށަހެޅި އިރު، އެ ގައުމަށް އޭގެ މެމްބަރަކަށްވެވޭނީ ގާނޫނު ހަދާ މަޖިލީހުގެ ރުހުން ލިބިގެންނެވެ. އަދި އެ ރުހުން ލޮބޭނެ ކަމަށް ވެސް ގަބޫލުކުރެވެ އެވެ. ނޭޓޯގެ މެމްބަރަކަށް ސްވިޑްން ވުމާ ބެހޭ ގޮތުން މިދިޔަ ހޯމަ ދުވަހު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ބަހުސްކޮށްފައިވެ އެވެ. އެކަމަށް ވަރަށް ގިނަ މެމްބަރުން ތާއީދުކުރެއްވި ނަމަވެސް، ބައެއް މެންބަރުން އެކަމަށް ފާޅުގައި ދެކޮޅު ހެއްދެވި އެވެ. އެކަމަކު ސްވިޑްން ނޭޓޯއާ ގުޅެން ސަރުކާރުން ނިންމާފައި އޮތުމުން މަޖިލީހުގެ ރުހުން އެކަމަކަށް ބޭނުމެއް ނުވާނެ އެވެ.

ފިންލޭންޑާއި ސްވިޑްން ވެސް ނޭޓޯގައި ބައިވެރިކުރުމަށް، އެ ޖަމާއަތުގެ ހުރިހާ ގައުމެއްހެން ތާއީދުކުރެ އެވެ.

އެޕްރީލް 4، 1949 ގައި އުފަންވި ނޭޓޯގެ މެމްބަރުންގެ އަދަދަކީ މިހާރު 30 އެވެ.