Last Updated: April 19, 06:56
Friday, April 19, 2024
ދުނިޔެ

ރަޖީވް ގާންދީ އަވަހާރަކުރި މީހަކު މިނިވަންކޮށްފި

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ރަޖީވް ގާންދީ އަވަހާރަކޮށްލި މައްސަލާގައި ކުށް ސާބިތުވެ ޖަލު ހުކުމް އިއްވި ހަތް މީހުންގެ ތެރެއިން މީހަކު 31 އަހަރު ފަހުން މިނިވަންކޮށްފި އެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުން އިއްޔެ މިނިވަންކުރީ މެއި 21، 1991 ގައި ބޮމެއް ގޮއްވާލައިގެން ރަޖީވް އަވަހާރަކޮށްލި އިރު، އެ ބޮމުގެ ބެޓެރީގެ މަސައްކަތްކުރި އޭޖީ ޕެރާރިވަލަން އެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ކުށް ސާބިތުގެ ޖަލަށްލި އިރު އުމުރަކީ 19 އަހަރެވެ.

ޕެރާރިވަލަން އަށް 1998 ގައި މަރުގެ ހުކުމް ވެސް އިއްވި އެވެ. އެކަމަކު ފަހުން އެ ހުކުމް ބާތިލުކުރި އިރު، ޖަލަށްލިތާ 31 އަހަރު ފަހުން އޭނާ މިނިވަންވުމާ ގުޅިގެން އާއިލާ އިން ވެސް އުފާފާޅުކުރި އެވެ. އަދި ކޯޓް ތެރޭގައި އާއިލާގެ މީހުންނާ އެކު ލިބުނު އުފާ ޕެރާރިވަލަން ފާހަގަކުރާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް ބައެއް މީޑިއާތަކުން އާންމުކޮށްފައިވެ އެވެ.

ރަޖީވް އަކީ އިންޑިއާގެ މިހާރުގެ އިދިކޮޅު ޕާޓީ، ކޮންގްރެސްގެ މިހާރުގެ ރައީސާ ސޯނިއާ ގާންދީ، 75، ގެ ފިރިކަލުންނެވެ. ސިޔާސީ ގޮތުން އިންޑިއާގެ އެންމެ ނުފޫޒު ގަދަ ސިޔާސީ އާއިލާގެ ގޮތުގައި ފާހަގަކުރެވޭ ގަންދީ އާއިލާ އަށް ނިސްބަތްވާ ރަޖީވަކީ ސިޔާސީ މަސައްކަތުގައި އުޅުއްވާ ރާހުލް ގާންދީ އާއި ޕްރިޔަންކާ ގާންދީގެ ބައްޕާފުޅެވެ.

އުމުރުން އެންމެ 47 އަހަރުގައި ރަޖީވް އަވަހާރަކުރީ ޓަމިލް ނާޑޫގެ ކެމްޕޭނެއްގެ ތެރޭގައި އަންހެނަކު ބޮން ހަރުކޮށްގެން ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގަ އެވެ.