Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

އިންޑިއާއަށް ނޭނގޭ ގޮތަށް އެކައުންޓުގައި ފައިސާ ނުގެންގުޅޭވެނެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ޕީޕީއެމް

އިންޑިއާ އަށް ނޭނގޭ ގޮތަށް އެއްވެސް މީހަކަށް އެކައުންޓުގައި ފައިސާ ނުގެންގުޅެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރޭ ޕީޕީއެމުން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓާއި އިންޑިއާގެ ކަމާބެހޭ ފަރާތްތަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށާއި ނަމަވެސް އެ އެއްބަސްވުން ބަލާލަން ވެސް ލިބޭނީ އިންޑިއާ އިން ހުއްދަ ދިނުމުން ކަމަށެވެ.

އެ އެއްބަސްވުން ހެދުމުން ރާއްޖޭގެ ބޭންކެއްގައި އިންޑިއާ އަށް ނޭނގޭ ގޮތަށް އެއްވެސް މީހެއްގެ އެކައުންޓެއް ނުހުންނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެއްވެސް މީހަކަށް ރާއްޖޭގެ ބޭންކެއްގެ އެކައުންޓަކު ފައިސާ ނުގެންގުޅެވޭނެ އިންޑިއާ އަށް ނޭނގޭ ގޮތަށް. މިހާވަރު ވީމަ ކަންތައް ބޮޑު ދެއްތޯ ދިވެހި ރައްޔިތުންނަށް" ޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ބޭންކިން ސިސްޓަމްގެ ތެރެއަށް މިހާ ވަރަށް ފާރަލަން އިންޑިއާ އަށް ނިންމައިފިނަމަ ބޭންކުގެ ނިޒާމު ދުނިޔެ އަށް ގެނައި ސަބަބު އޭގެ އަނެއްކޮޅަށް ބަދަލުވެގެންދާނެ ކަމަށެވެ. އެގޮތުން އެއްވެސް މީހަކު ދެން ބޭންކުގައި ފައިސާ ބަހައްޓަން ބޭނުން ނުވާނެ ކަމަށާއި ހުރިހާ އެންމެން ވެސް ބޭނުންވަނީ ފައިސާ ބޭރުކުރަން ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުން ރޭގެ ޖަލްސާގައި މަނީ ލޯންޑަރިންގެ ގާނޫނަށް ފާޑު ވިދާޅުވަމުން ޔާމީން ވަނީ މިފަދަ ގާނޫނުތަކުން ކުރަނީ ނާޖާއިޒު ފައިދާ ކަމަށާއި އެއީ ސިޔާސީ މީހުން އުލަށް އަމުނާލަން ކުރާ ކަންތައް ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި މިފަދަ ގާނޫނުތައް އެއް ފުށުން އަނެއް ފުށަށް ޖެހެންޖެހޭ ކަމަށާއި ގާނޫނުތައް މިހާރު ހަދަންވީ ރައްޔިތުންނަކީ ކުށްވެރިވާ ބައެއްގެ ބަދަލުގައި ރައްޔިތުންގެ ހިމާޔަތުގައި ކަމަށް ޔާމީން ވިދާޅުވި އެވެ.