Last Updated: April 25, 17:49
Thursday, April 25, 2024
ޚަބަރު

ސޮނެވާ އިން ރާޖަޕަކްސަ ވިލާއެއް ނުގަނޭ

މަގާމުން އިސްތިއުފާ ދެއްވާފައިވާ ސްރީ ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާ މަޝްހޫރު ހޮޓެލް ކުންފުނި، ސޮނެވާ އިން ޕްރޮޕަޓީއެއް ބައްލަވައިގަތް ވާހަކަ އެ ކުންފުނީގެ ބާނީ ސޯނޫ ޝިވްދަސާނީ ދޮގުކުރައްވައިފި އެވެ.

ރާއްޖޭގައި ވެސް ދެ ރިސޯޓެއް ހިންގާ ކުންފުނިން ރާޖަޕަކްސާ އާއި އޭނަގެ އާއިލާ އިން ޕްރޮޕަޓީއެއް ބައްލަވައިގަތް ވާހަކަ ބައެއް މީޑިއާތަކުގައި ދެކެވޭތީ އެކަމާ ގުޅިގެން ސޯނޫ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި ސޮނެވާގެ އެއްވެސް ތާކުން އެފަދަ މުއާމަލާތެއް ރާޖަޕަކް އަާއި އޭނާގެ އާއިލާގެ އެއްވެސް މީހަކާ އެކު ހިންގަން މަޝްވަރާ ވެސް ކުރެވިފައި ނެތް ކަމަށެވެ.

އިގުތިސާދީ ގޮތުންނާއި މާލީ ގޮތުން ލަންކާ ބޮޑު އަނދަވަޅަކަށް ވެއްޓި، ސިޔާސީ ގޮތުން ވެސް ކުރިމަތިވަމުން އައި ޕްރެޝަރުތަކާ ގުޅިގެން ރާޖަޕަކްސާ މަގާމުން އިސްތިއުފާ ދެއްވީ މި މަހުގެ ކުރީކޮޅު އެވެ. އެ ގައުމުގެ ސިޔާސީ މަސްރަހު ހޫނުވުމާ އެކު ރާޖަޕަކްސާގެ ދަރިކަލުން އަދި ކުރިގެ ޔޫތު މިނިސްޓަރު ނަމާލު ރާޖަޕަކްސާ ވެސް މިދިޔަ މަހުގެ ތެރޭގައި އިސްތިއުފާ ދެއްވައި ރާއްޖެ ވަޑައިގަތްކުގެ އަޑުތަކެއް އެރި އެވެ.

ނަމަވެސް ވެސް ފަހުން ނަމާލު ވިދާޅުވެފައި ވަނީ އާއިލާގެ އެއްވެސް މީހަކު ނުފިއްލަވާނެ ކަމަށެވެ. އެ ބޭފުޅުން ގައުމުން ބޭރަށް ފުރުއްވުން ވެސް އޮތީ މަނާކޮށްފަ އެވެ.

ލަންކާގެ ރައީސަކީ ރާޖަޕަކްސަގެ ކޮއްކޮފޯޅު ގޮޓަބަޔާ ރާޖަޕަކްސަ އެވެ. ރާޖަޕަކްސަ އިސްތިއުފާދެއްވުމުން ބޮޑުވަޒީރަކީ މިހާރު ކުރިން ވެސް އެ މަގާމު ފުރުއްވާފައިވާ ރަނިލް ވިކްރަމަސިން އެވެ.