Last Updated: April 20, 09:14
Saturday, April 20, 2024
މުނިފޫހިފިލުވުން

އިންޑިއާގެ ޓާޓާ އާއިލާ އަށް ސީރީޒެއް

ރަތަން ޓާޓާ.

ވިޔަފާރީގެ ދާއިރާ އިން އިންޑިއާގެ ނުފޫޒު ގަދަ ޓާޓާ އާއިލާ އަށް ބިނާކޮށް ވެބް ސީރީޒެއް ހަދަން ނިންމައިފި އެވެ.

މި ސީރީޒް ބުޝަން ކުމާރުގެ ޓީ ސީރީޒާއި އޯލްމައިޓީ މޯޝަން ޕިކްޗާ ގުޅިގެން ހަދަން ނިންމިކަން މިއަދު ވަނީ ރަސްމީކޮށް އިއުލާން ވެސް ކޮށްފަ އެވެ. ޓާޓާ އާއިލާގެ ވާހަކަ ކިޔައިދޭ ސީރީޒް ހަދަން ނިންމާފައި ވަނީ އެ އާއިލާއާ ބެހޭ ގޮތުން ލިޔުންތެރިޔާ ގިރިޝް ކޫބަރް ލިޔެފައިވާ ފޮތް "ދަ ޓާޓާސް: ހައު އަ ފެމިލީ ބިލްޓް އަ ބިޒްނެސް އެންޑް އަ ނޭޝަން" އަށް ބިނާކޮށެވެ.

މި ފޮތުގެ ރައިޓްސް ހޯދައިގެން ޓާޓާ އާއިލާގެ ވާހަކަ ގެނެސްދޭ އިރު، އެ އާއިލާގެ ތިން ޖީލުގެ މަސައްކަތް މީގައި ދައްކުވައި ދޭނެ އެވެ. ނަމަވެސް ޓާޓާގެ ސީރީޒްގެ ހަދާނީ ކޮން ސްޓްރީމިން ޕްލެޓްފޯމަކާ ގުޅިގެން ކަމެއް އަދި ހާމައެއްނުކުރެ އެވެ. މީގެ އިތުރުން މީގެ ކާސްޓާއި ޑައިރެކްޓަރަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ.

އެކަމަކު ޓާޓާ އާއިލާގެ ވާހަކަ ކިޔައިދޭ ސީރީޒް މަދުވެގެން ތިން ސީޒަނަކަށް ގެނެސްދޭނެ އެވެ.

މީގެ 154 އަހަރު ކުރިން ޓާޓާ އާއިލާ އިން ވުޖޫދަށް ގެނައި ޓާޓާ ގްރޫޕަކީ 103 ބިލިއަން ޑޮލަރުގެ އަގުހުރި އަދި ތަފާތު އެކި ދާއިރާތަކުން ވިޔަފާރި ހިންގާ ކުންފުންޏެކެވެ. މިހާރު 800،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ޓާޓާގެ މިހާރުގެ އެންމެ ވަރުގަދަ ޝަހުސިއްޔަތަކީ ރަތަން ޓާޓާ، 84، އެވެ.