Last Updated: April 19, 18:52
Friday, April 19, 2024
މުނިފޫހިފިލުވުން

އާލިއާގެ "ޑާލިންސް" އަކީ ނެޓްފްލިކްސް

ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް ޕްރޮޑިއުސްކޮށް، ކުޅުނު ފުރަތަމަ ފިލްމު "ޑާލިންސް" މި އަހަރު ނެޓްފްލިކްސް އަށް ގެންނަން ނިންމައިފި އެވެ.

މިކަމާ ގުޅޭ ޕްރޮމޯޝަނަލް ވީޑިއޯއެއް އާލިއާގެ އިންސްޓަގްރާމްގެ އިތުރުން ނެޓްފްލިކްސް އިންޑިއާގެ އިންސްޓަގްރާމްގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ. އެކަމަކު އޭގައި ވަނީ "ޑާލިންސް" ނެޓްފްލިކްސް އަންނަނީތޯ ސުވާލު އުފައްދައިފަ އެވެ. އާލިއާ މިވަގުތު ހުރީ އޭނަ ސޮއިކުރި ހޮލީވުޑްގެ ފުރަތަމަ ފިލްމު "ހާޓް އޮފް ސްޓޯން" ގެ ޝޫޓިން އަށް އިނގިރޭސިވިލާތުގަ އެވެ.

އިންސްޓަގްރާމް ޕްރޮމޯޝަނަލް ވީޑިއޯގައި ފެންނަނީ "ޑާންލިންސް" ނެޓްފްލިކްސް އަށް އައުމާ ބެހޭ ގޮތުން އާލިއާ ވާހަކަ ދައްކާ ތަނެވެ. ފިލްމު އެ ޕްލެޓްފޯމަށް ގެންނަކަން މިހާރު ކަށަވަރު ވިޔަސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ. އެކަމަކު ފިލްމުގެ ޝޫޓިން މިދިޔަ އަހަރު ނިންމައި އެ އޮތީ ޕޯސްޓް-ޕްރޮޑަކްޝަންގަ އެވެ.

މި ފިލްމަކީ އާލިއާގެ ފިލްމު ކުންފުނި އެޓާނަލް ސަންޝައިން ޕްރޮޑަކްޝަނާއި ޝާހްރުކް ޚާންގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓް ގުޅިގެން ހަދާފައިވާ ޑާކް ތުރިލާއެކެވެ. ސްކްރީން ރައިޓަރު ޖަސްމީތު ކޭ ރީންގެ އަލަތު ޑައިރެކްޝަންގެ ގޮތުގައި ގެނެސްދޭ "ޑާލިންސް" ގެ ކާސްޓްގައި ވިޖޭ ވަރުމާ އާއި ޝެފާލީ ޝާހާއި ރޯހަން މެތިއު ހިމެނެ އެވެ.

މި ފިލްމު ވާނީ މި އަހަރު ބެލުންތެރިންނަށް ގެނެސްދޭ އާލިއާގެ ހަތަރު ވަނަ ފިލްމަށެވެ. ފެބްރުއަރީގައި ރިލީޒްކުރި "ގަންގޫބާއި ކަތިއަވާޅީ" އާއި މާޗްގައި ރިލީޒްކުރި "އާރްއާރްއާރް" ވެސް މިހާރު ނެޓްފްލިކްސް އިން ބަލައިލެވެން އޮތް އިރު، ދެން މި އަހަރު ސިނަމާތަކަށް އަންނަން އޮތް އާލިއާގެ ފިލްމަކީ ފިރިމީހާ ރަންބީރް ކަޕޫރާ އެކީ ކުޅެފައިވާ "ބުރައްމަސްތުރާ" އެވެ. އެ ތާވަލުކޮށްފައި އޮތީ ސެޕްޓެމްބަރު 9 އަށެވެ.