Last Updated: April 19, 13:47
Friday, April 19, 2024
ދުނިޔެ

އެމެރިކާގައި ބަޑިން ހަމަލާދީ 18 ކުއްޖަކު މަރާލައިފި

އެމެރިކާގެ ޓެކްސަސްގެ އަވަށެއްގެ ސްކޫލަކަށް ދިން ބަޑީގެ ހަމަލާއެއްގައި 18 ކުއްޖަކު މަރުވެއްޖެ އެވެ.

ޓެކްސަސްގެ ކުޑަ އަވަށެއް ކަމަށްވާ، އުވަލްޑީގައި ހުންނަ ޕްރައިމަރީ ސްކޫލަކަށް ދިން މި ހަމަލާގައި 21 މީހަކު ވަނީ މަރުވެފަ އެވެ. އޭގެތެރެއިން 18 މީހުންނަކީ ކުޑަކުދިންނެވެ. އަދި މި ހަމަލާގައި ޒަހަމްވި ތިން މީހަކު އޮތީ ސީރިއަސް ހާލަތުގަ އެވެ. އޭގެތެރޭގައި 10 އަހަރުގެ ކުއްޖަކު ވެސް ހިމެނެ އެވެ.

ބަޑީގެ މި ހަމަލާ ދީފައިވަނީ އުމުރުން 18 އަހަރުގެ ޒުވާނެކެވެ. މި ހަމަލާއަށްފަހު ފުލުހުންނާއި ދެމެދު ހިނގި ކުރިމަތިލުމެއްގައި އޭނާ ވަނީ މަރާލާފަ އެވެ. އެ ކުރިމަތިލުމުގައި ދެ ފުލުސް އޮފިސަރަކަށް ވެސް އަނިޔާވެފައިވެ އެވެ.

އެ ސްކޫލްގައި ކިޔަވަމުންދިޔައީ އުމުރުން 7 އަހަރާއި 10 އަހަރާއި ދެމެދުގެ ކުދިން ކަމަށްވާއިރު އެ ހަމަލާ އެ ސްކޫލަށް އަމާޒުކުރި ސީދާ ސަބަބެއް ކަމާބެހޭ ފަރާތްތަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

މި ހަމަލާއާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އެގައުމުގެ ދިދަ ތިން ދުވަސް ވަންދެން ބައިދަނޑި އަށް ތިރިކުރަން ނިންމަވާފަ އެވެ.

އެމެރިކާގައި 2012 ވަނަ އަހަރު ވެސް ޕްރައިމަރީ ސްކޫލަކަށް މިފަދަ ބަޑީގެ ހަމަލާއެއް ވަނީ ދީފަ އެވެ. އެގޮތުން ނިއުޓައުންގެ ސޭންޑީ ހޫކް އެލެމެންޓްރީ ސްކޫލަށް ދިން އެ ހަމަލާގައި 20 ކުދިންނާއި އިތުރު ހަ މީހަކު ވަނީ މަރުވެފަ އެވެ.