Last Updated: April 24, 16:21
Wednesday, April 24, 2024
މުނިފޫހިފިލުވުން

"ހީރޯޕަންތީ 2" ހުކުރު ދުވަހު އެމެޒޯން ޕްރައިމަށް

މިދިޔަ މަހު ރިލީޒްކުރި ޓައިގާ ޝްރޮފްގެ "ހީރޯޕަންތީ 2" ހުކުރު ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރާ ގޮތަށް ނިންމައިފި އެވެ.

މި އެކްޝަން ފިލްމަކީ ޓައިގާ 2014 ގައި ބޮލީވުޑަށް ނުކުތް "ހީރޯޕަންތީ" ގެ ސީކްއެލް އެވެ. އެކަމަކު ކުރީގެ ފިލްމާ ހިލާފަށް ދެވަނަ ބަޔަކީ މާ ހިނގި ފިލްމެއް ނޫނެވެ. މީގެ ޑައިރެކްޓަރަކީ ޓައިގާގެ "ބާގީ 2" އާއި "ބާގީ 3" ވެސް ޑައިރެކްޓްކުރި އަހުމަދު ޚާނެވެ. އަދި އާ ފިލްމުގެ ބަތަލާ އަކީ ތާރާ ސުތާރިއާ އެވެ. އެކަމަކު "ހީރޯޕަންތީ 2" ގައި ފުރަތަމަ ފިލްމުގެ ބަތަލާ ކްރިތީ ސެނަންގެ ހާއްސަ ލަވައެއް ޓައިގާއާ އެކީ ހިމަނާފައިވެ އެވެ.

މިދިޔަ މަހުގެ 29 ގައި ރިލީޒްކުރި "ހީރޯޕަންތީ 2" އަކީ 70 ކްރޯޑް ރުޕީސް (9.03 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދައި ބޮކްސް އޮފީހުގައި އެންމެ 35.13 ކްރޯޑް ރުޕީސް (4.53 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނު ފިލްމެކެވެ.