Last Updated: April 23, 14:49
Tuesday, April 23, 2024
ޚަބަރު

ސަރުކާރުގެ ހަރަދުތައް ވަގުތުން ކުޑަކުރަން ގޮވާލައިފި

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު - ފޮޓޯ: މަޖިލިސް

ސަރުކާރުގެ ހަރަދުތައް ވަގުތުން ކުޑަކުރަން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިހެން ވިދާޅުވީ މިހާރު ވެސް ބޮޑެތި ދަރަނިތަކެއް ދައްކަން އޮތް ރާއްޖެ އަށް އަންނަ އަހަރު ނިމޭ އިރު ބޭރު ފައިސާގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކުމުގެ ފުރުސަތު ބޮޑު ކަމަށް ދުނިޔޭގެ މަޝްހޫރު އިންވެސްމަންޓް ބޭންކް، ޖޭޕީ މޯގަން އިން ބުނެފައިވާ ދަނޑިވަޅެއްގަ އެވެ.

ޖޭޕީ މޯގަން އިން މިހެން ބުނި ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ރާއްޖޭގެ އިގްތިސާދު ވަރުގަދަ ކަމަށާއި ދަރަނި ނުދެއްކޭނެ ހާލަތަކަށް ނުދާނެ ކަމަށް ވިދާޅުވެފަ އެވެ.

އެ ވާހަކަތަކާ ގުޅިގެން ސައީދު ވިދާޅުވީ ހިތުހުރި ވަރަކަށް ފައިސާ ޗާޕު ކުރުމާއި ލޯނުގެ މައްޗަށް ލޯނު ނަގައިގެން ސަރުކާރު ހިންގުމަކީ ހައްލެއް ނޫން ކަމަށެވެ. އަދި ބޮޑެތި އިމާރާތް، ސްކޫލު މަދަރުސާތައް މިހާރު ވެސް ރަހުނުކޮށްފައިވާ ކަމަށާއި މުސާރަ އާއި ތެލާއި ކާޑަށް ލޯނު ނަގަމުންދާ ކަމަށްވެސް ސައީދު ވިދާޅުވި އެވެ.

"ގޮތް ދޫކޮށް ސަރުކާރުގެ ޚަރަދުތައް ވަގުތުން ކުޑަކުރަންޖެހޭ" ސައީދު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން މާޗު މަހު އާންމުކުރި ދައުލަތުގެ ދަރަނީގެ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު ނިމުނު އިރު، ރާއްޖޭގެ ޖުމްލަ ދަަރަންޏަކީ 94 ބިލިއަން ރުފިޔާ އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ މަހު އާންމުކުރި ތަފާސްހިސާބުތަކުގައި ވާ ގޮތުން މާޗް މަސް ނިމުނު އިރު، ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަކީ 865.2 މިލިއަން ޑޮލަރެވެ.

ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެދާނެ ހާލަތަކާ މެދު ވޯލްޑް ބޭންކުން ވެސް މިދިޔަ މަހު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެކަމަކު ސަރުކާރުން ތަކުރާރުކޮށް ބުނަމުން އަންނަނީ ރާއްޖެ އޮތީ ދަރަނިތައް ދެއްކޭ ފަދަ ހާލަތެއްގައި ކަމަށެވެ.