Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

އެމްއެންޕީން "މިނިސްޓްރީ އޮފް ހެޕިނެސް" އުފައްދާނެ

އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް - ފޮޓޯ: އެމްއެންޕީ

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި "މިނިސްޓްރީ އޮފް ހެޕިނެސް" ގެ ނަމުގައި މިނިސްޓްރީއެއް އުފައްދަވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

އެމްއެންޕީގެ ފަރާތުން މިރޭ ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަދައްކަމުން ނާޒިމް ވިދާޅުވީ ފުދުންތެރި ދިވެހިން އުފެއްދުމަކީ އެމްއެންޕީގެ އަމާޒެއް ކަމަށާއި ނަމަވެސް އިސްރަށްވެހިން މިއަދު ފުދުންތެރި ދިވެއްސަކަށް ނުވާއިރު އެމީހުން ވަނީ ވަރަށް ބޮޑަށް ބާކީކޮށްލާފައި ކަމަށެވެ.

އެގޮތުން އިސްރަށްވެހިންގެ ޖަމިއްޔާ އިން ހުރިހާ ރައީސުންނާއި ކަމާބެހޭ ވުޒާރަތަކާއި ބައްދަލުކޮށްފައިވާ ކަމަށާއި ނަމަވެސް ހުރިހާ ފަރާތްތަކަކުން ވެސް އެ ޖަމިއްޔާ އަށް ދީފައިވާ ޖަވާބަކީ ބަޖެޓުގެ ދަތިކަން ހުރި ކަމުގެ ޖަވާބު ކަމަށް ނާޒިމް ވިދާޅުވި އެވެ.

"މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނަށް ފަސް އަހަރު ހިދުމަތްކޮށްލީމަ އެ ބޭފުޅުންނަށް އެތައް ބައިވަރު އިނާޔަތެއް ލިބޭ ގޮތަށް މިއޮތީ ރާވާލާފައި. އޭރަކު ފައިސާގެ މައްސަލައެއް ނެތް. މެމްބަރުން ވީމަ ހަމަ ލިބެންވީ، އަޅުގަނޑު ދަންނަވަން އޮތީ މެމްބަރުންނަށް އެ ފައިސާ ދޭނެ ކަމެއް ނެތޭ" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ބޮޑު މުސާރަ ނަގައިގެން މަޖިލީހުގައި ކުރާ ކަމެއް "ހަރާން" ކަމަށާއި އޭގެ ބަދަލުގައި ބޭނުންވަނީ ހިދުމަތުގައި ތިބޭ ފަރާތްތަކަށް ރަނގަޅު ގޮތްތައް ވުން ކަމަށެވެ. އެގޮތުން އެމްއެންޕީގެ ވެރިކަމެއްގައި "މިނިސްޓްރީ އޮފް ހެޕިނެސް" އުފައްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އުފާވެރިކަމާއެކީގައި ތިބެވޭނެ ގޮތަކަށް މިނިސްޓްރީއެއް އުފައްދައިގެން އިސްރަށްވެހިންނާއެކީގައި އަޅުގަނޑުމެން މަސައްކަތް ކުރާނީ. މިއީ އުއްމީދީ ޕާޓީއަކީ" ނާޒިމް ވިދާޅުވި އެވެ.