Last Updated: March 29, 06:12
Friday, March 29, 2024
މުނިފޫހިފިލުވުން

"ނޮވެމްބާ" އިން އާ ލަވައެއް

ޑާކް ރެއިން އެންޓައިންމަންޓުން މަސައްކަތް ނިންމައި އެކަމަކު އަދިވެސް ރިލީޒްކުރާނެ އިރެއް ނޭނގޭ ލޯބީގެ ފިލްމު "ނޮވެމްބާ" ގެ އިތުރު ލަވައެއް އާންމުކޮށްފި އެވެ.

ފިލްމުގެ ލަވަތަކުގެ ތެރެއިން މި ފަހަރު އޯޑިއޯ ޔޫޓިއުބާއި ސައުންޑްކްލައުޑަށް ދޫކޮށްލި ލަވަ އަކީ "ގެއްލިފާ" އެވެ. މި ލަވަ ކިޔާފައި ވަނީ "މޯލްޑިވިއަން އައިޑޮލް" ސީޒަން ތިނެއް ކާމިޔާބުކުރި އައިޝަތު އަޒަލް އަލީ ޒާހިރެވެ. ހުސައިން ތައުފީގުގެ މިއުޒިކަށް ލަވައިގެ ޅެމާއި މެލޮޓީ ހެދީ ތަސް އެވެ.

"ނޮވެމްބާ" އަކީ ކުރިން 2020 ގެ ޖުލައި މަހުގެ 6 ގައި ސިނަމާތަކަށް ގެންނަން ނިންމި ފިލްމެކެވެ. އެކަމަކު ކޮވިޑާ ހެދި އެ އަހަރުގެ މާޗްގައި އޮލިމްޕަސް ސިނަމާ ބަންދުކުރި ގޮތަށް މިހާތަނަށް ހުޅުވާފައި ނުވާތީ ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި ނޭނގެ އެވެ.

މި ފިލްމުގެ ޕްރޮމޯޝަން މަޑުމަޑުން ޑާކް ރެއިނުން ސޯޝަލް މީޑިއާގައި ކުރިއަށް ގެންދާ އިރު "ނޮވެމްބާ" ގެ ލަވަތަކުގެ ތެރެއިން "މާމަލުން" ގެ ލަވައިގެ ބައެއް މަންޒަރުތަކާ އެކު އާންމުކޮށްފައިވެ އެވެ.

އައިޝަތު ފުއާދު ތައުފީގާއި އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް ހެދި "ނޮވެމްބާ" އަކީ ޑާކް ރެއިނުން މިހާތަނަށް ހެދި އެންމެ އަގު ބޮޑު ފިލްމެވެ. މީގެ މަންޒަރުތައް ސިންގަޕޫރުގެ އިތުރުން އައްޑު އާއި ލ. އަތޮޅާއި މާލޭގެ އިތުރުން ކ. އަތޮޅުގެ ބައެއް ރަށްރަށުގައި ވެސް ނަގާފައިވެ އެވެ. މި ފިލްމަކީ ޑާކް ރެއިންގެ "ވާށޭ މަށާއެކީ" އާއި "ވަކިން ލޯބިން" އާއި "އެންމެ ފަހު ވިންދާ ޖެހެންދެން" ގެ އިތުރުން "މާމުއި" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) އާއި ޕްރޮޑިއުސަރު މުހައްމަދު އަލީ މޮގާގެ އަންހެނުން އަދި "ހުޅުދާން" ގެ ޑައިރެކްޓަރު އައިޝަތު ޑައިރެކްޓްކުރި ފިލްމެކެވެ.

"ނޮވެމްބާ" އަކީ ދިވެހި ސިނަމާގެ އެންމެ މަގުބޫލު އެއް ޖޯޑުގެ ގޮތުގައި ފާހަގަކޮށްލެވޭ މަރިޔަމް މަޖުދާ (މަޖޫ) އާއި ޖުމައްޔިލް ނިމާލު (ޖުމަލް) ލީޑް ރޯލު ކުޅެފައިވާ ފިލްމެކެވެ. މީގެ ވަރަށްރޯލަކުން ކުރީގެ އެކްޓަރު އިސްމާއީލް ވަޖީހު ވެސް ފެންނާނެ އެވެ.