Last Updated: April 24, 10:23
Wednesday, April 24, 2024
މުނިފޫހިފިލުވުން

އަހަންނަކީ ވަރަށް ޖެހިލުންކުޑަ އެކްޓަރެއް: އަޔޫޝްމަން

ރިސްކް ނަގަން ކެރުމާއި އެކު އާންމުކޮށް ބޮލީވުޑްގެ އެކްޓަރުން ކުޅެން ޖެހިލުންވާ ކަހަލަ ފިލްމުތަކަށް އެއްބަސްބުމަކީ ވަރަށް ހިތްވަރު ހުރެގެން ނޫނީ ނުކުރެވޭ ކަހަލަ ކަމަކަށްވާތީ އޭނަ އަކީ ހިތްވަރު ގަދަ ޖެހިލުން ކުޑަ އެކްޓަރެއް ކަމަށް އަޔޫޝްމަން ކްރާނާ ބުނެފި އެވެ.

މިހާތަނަށް މުޅިން ވެސް ވަރަށް ތަފާތު އަދި "ވަރަށް އަންކޮންވެންޝަނަލް" ކޮންސެޕްޓަތަކަށް ހަދާފައިވާ ފިލްމުތަކެއް ކުޅެގެން އާންމުންގެ ލޯތްބާއި މަގުބޫލުކަން ހޯދި 37 އަހަރުގެ އެކްޓަރު ބޮލީވުޑް ލައިފަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނަ ކަހަލަ އެކްޓަރުން ހަގީގަތުގައި މަދު ކަމަށެވެ.

"އަހަންނަކީ އަބަދު ވެސް ޗެލެންތަކާ ކުރިމަތިލާން ލޯބިކުރާ މީހެއް. އަހަރެންގެ މުޅި ކެރިއަރަށް ބަލައިފި ނަމަ ކެރިއަރު ބިނާކޮށްފައި އޮތީ ރިސްކްތަކެއް ނަގައިގެން. އެހެންވީމަ ޖެހިލުމެއް ނުވޭ އިންޑަސްޓްރީގައި ހުރި ވަރަށް ހިތްވަރު ގަދަ މީހެކޭ އަމިއްލަ އަށް ބުނާކަށް ވެސް،" 2012 ގެ "ވިކީ ޑޯނާ" އިން ބޮލީވުޑަށް ނުކުތް އަޔޫޝްމަން ބުންޏެވެ.

އޭނާ ބުނީ ކެރިއަރު ބައްޓަންވެފައިވާ ގޮތާއި ކުރިއަށްދާ ގޮތާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަޔޫޝްމަން ބުނި ގޮތުގައި އޭނަ އަކީ އަބަދު ވެސް މަސައްކަތުގައި ވަރަށް ސީރިއަސް މީހެކެވެ. އެހެންވެ ފިލްމެއްގެ މަސައްކަތްކުރާ އިރު، ފިލްމުގެ ކްރިއޭޓިވް ޓީމާ މެދު ހިޔާލު ތަފާތުވުންތައް ކުރިމަތިވާ ހާލަތްތަކުގައި ވެސް އޭނާ އަބަދު ވެސް އިސްކަން ދޭނީ ކުރާ މަސައްކަތުގެ ފެންވަރަށް ކަމަށް ބުންޏެވެ.

"މަސައްކަތްކުރުމުގައި އަހަންނަކީ ދޫ ދޭ ސްޓައިލްގެ މީހެއް ނޫން. އަހަންނަކީ އަބަދު ވެސް މަސައްކަތަށް ސަތޭކަ ޕަސެންޓްދޭ މީހެއް." މި އަހަރު ރިލީޒްކުރި "ޗަންދީގަޅް ކަރޭ އާޝިގީ" ގެ ބަތަލު ބުންޏެވެ.

މާދަމާ ރިލީޒްކުރާ ފިލްމު "އަނޭކް" ވެސް ފެންނާނެ އަޔޫޝްމަން ބުނި ގޮތުގައި އެހާ އާންމު ނޫން ކޮންސެޕްޓްތަކަށް ހަދާ ފިލްމުތަކަށް އެއްބަސްވާން މިހާރު އެންމެ ބޮޑު ހިތްވަރެއް ލިބެނީ އެފަދަ ފިލްމުތައް ބެލުންތެރިން ބަލައިގަންނާތީ އެވެ. އެހެންވެ ކޮންޓެންޓަކީ އަބަދު ވެސް އެންމެ މުހިއްމު ކަންތައް ކަމަށް ދެކޭ ކަމަށް ބުންޏެވެ.

"އަހަރެންގެ ވިސްނުމެއް ނޫން ކޮންމެހެން މާ ވަރުގަދަ ހީރޯއަކަށްވުމަކީ. އެ ލަގަބެއް މުހިއްމެއް ވެސް ނޫން. އަދި ފިލްމެއް ސަތޭކަ ކްރޯޑްގެ އާމްދަނީއެއް ހޯދުން ވެސް މުހިއްމެއް ނޫން،" ދެ ކުދިންގެ ބައްޕަ ބުންޏެވެ. "މުހިއްމީ ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދާނެ ކޮންޓެންޓްތަކެއް."

ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ އަޔޫޝްމަންގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ދަމް ލަގާ ކޭ ހައިޝާ"، "ޝުބް މަންގަލް ސާވްދާން"، "ބެރިލީ ކީ ބަރުފީ"، "އަންދާދުން"، "ބަދާއީ ހޯ" ހިމެނެ އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޑޮކްޓަރު ޖީ" އާއި "އެކްޝަން ހީރޯ" ހިމެނެ އެވެ.