Last Updated: April 16, 17:11
Tuesday, April 16, 2024
ވިޔަފާރި

ދުނިޔެ ރިސެޝަނަކަށް ހިނގައިދާނެ: ވޯލްޑް ބޭންކް

ރަޝިއާ އިން ޔުކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ ހެދި މިހާރު ވެސް ދުނިޔެ އަށް އިގުދިސާދީ ގޮތުން ލޮޅުންތަކެއް އަރާފައިވާ އިރު މިކަމާ ހެދި މުޅި ދުނިޔެ ރިސެޝަނަކަށް ހިނގައިދާނެކަމުގެ އިންޒާރު ވޯލްޑް ބޭންކްގެ ވެރިޔާ ޑޭވިޑް މަލްޕަސް ދެއްވައިފި އެވެ.

އިއްޔެ އެމެރިކާގައި އޮތް ވިޔަފާރީގެ އިވެންޓެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ޔުކްރޭން ހަނގުރާމައާ އެކު މިހާރު ވެސް އޮތީ ތެލާއި ކާނާ އާއި އެ ނޫން ވެސް ބާވަތްތަކުގެ އަގުތައް އުފުލި އިގުތިސާދީ ބަލިމަޑުކަމެއްގެ ތެރޭގައި ކަމަށެވެ. އެހެންވެ ޔުކްރޭން ހަނގުރާމަ އަށް އެކަށީގެންވާ ހައްލެއް ނުހޯދި މިކަން އިތުރަށް ދިގުލައިގެންދާ ނަމަ އޮތް އެންމެ ބޮޑު ބިރަކީ މުޅި ދުނިޔެ ރިސެޝަން ނުވަތަ އިގުތިސާދީ ބޮޑު ހީނަރުކަމެއްގެ ތެރެއަށް ވެއްޓުން ކަމަށް ޑޭވިޑް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިކަމަށް އޮތް އަނެއް ބިރަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް އިގުސާދު ކަމަށްވާ ޗައިނާ ވެސް ކޮވިޑް-19 އިން ސަލާމަތް ނުވެ، އަދިވެސް އެ ގައުމު ލޮކްޑައުންއެއްގެ ތެރޭގައި އޮންނަން ޖެހުން ކަމަށެވެ.

"އެހެންވެ ރިސެޝަނަކަށް ދިއުމުގެ ބިރު ވަރަށް ބޮޑު. އަދި ދުނިޔޭގެ ޖީޑީޕީ މިހާރު އޮތް ހާލަތަށް ބަލާ އިރު މިކަމުން ރައްކާތެރިކަން ހޯދުމަކީ ވެސް ފަސޭހަ ކަމަކަށް ނުވާނެ." ޑޭވިޑް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ ތެލުގެ ބާޒާރަށް މިހާރު އަރާފައި އޮތް ލޮޅުމަށް އެކަނި ބެލިޔަސް ދުނިޔެ މިހާރު އޮތީ ރިސެޝަނެއްގެ ތުންފަތްމަތީގައި ކަމަށެވެ. ދުނިޔެ އަށް އެންމެ ފަހުން އިގުތިސާދީ ވަރުގަދަ ތަދުމަޑުކަމަކާ ކުރިމަތިލާން ޖެހުނީ 2008 ހިސާބުގަ އެވެ.

ވޯލްޑް ބޭންކުން މިދިޔަ ވެސް ވަނީ މި އަހަރު ދުނިޔޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް ލަފާކުރި އަދަދު ދަށްވާނެ ކަމަށް އެވެ.