Last Updated: March 29, 17:30
Friday, March 29, 2024
މުނިފޫހިފިލުވުން

ޔޮހާނީ މި ފަހަރު ފެނުނީ އާމިރާ އެކު

"މަނިކެ މަގޭ ހިތޭ" ލަވައިން ބޮޑު މަޝްހޫރު ކަމެއް ހޯދި ސްރީ ލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީ ޑި ސިލްވާ އަކީ މިހާރު އިންޑިއާގައި ވެސް ވަރަށް މަގުބޫލު ފަންނާކެވެ. އަޖޭ ދޭވްގަންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން "ތޭންކް ގޯޑް" ގައި ވަނީ ޔޮހާނީ ހިޓްގެ ލަވައިގެ ހިންދީ ވާޝަނެއް ވެސް ހިމަނަން ނިންމައިފަ އެވެ.

ދާދި ފަހުން ބައެެއް މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި މަޝްހޫރު ލަވަކިޔުންތެރިޔާ ގުރޫ ރާންދަވާ އާއި ޖުބީން ނޯޓިޔާލާ އެކީ ވެސް މަސައްކަތްކުރުމުގެ ފުރުސަތު ޔޮހާނީ އަށް ލިބިފައިވެ އެވެ. މި ވާހަކަތަކެއް ދެކެވެން ފެށީ އެ ދެ ފަންނާނުންނާ އެކީ ޔޮހާނ ވަކިވަކިން ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ޕޯސްޓްކުރުމުންނެވެ.

އެކަމަކު އެ ވާހަކަތައް އެއްފަރާތްކޮށްފައި މި ފަހަރު ދައްކަން އޮތީ މަޝްހޫރު އެކްޓަރު އާމިރު ޚާނާ އެކު ޔޮހާނީ ފެނުނު ވާހަކަ އެވެ. އެކަމަކު މި ދެ މީހުންގެ ބައްދަލުވުމުގެ ހަގީގަތެއް ސާފެއް ނުވެ އެވެ. އެކަމަކު އެ ދެ މީހުން އެކީގައި ފެންނަ ފޮޓޯ ނަގާފައި ވަނީ ރޭޑިއޯ ޗެނެލް، ރެޑް އެފްއެމްގެ ސްޓޫޑިއޯ ތެރޭގަ އެވެ. އާމިރާ އެކު ޔޮހާނީ ފެނުނު އިރު ލައިގެން އިން ގުރާފެހި ކުލައިގެ ޓޮޕްގައި ޗެނެލްގެ ހޯސްޓް މަލިޝްކާއާ އެކު ނަގާފައިވާ ވީޑިއޯއެއް ޔޮހާނީ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ.

އެހެންވެ އޭނަ އާއި އާމިރު ދިމާވީ ރެޑް އެފްއެމަށް އާމިރު ގޮސް އުޅުމުހެ ތެރޭގައި ކަމަށް ގަބޫލުކުރެވެ އެވެ.

ބައެއް މީޑިއާތަކުން ބުނި ގޮތުގައި އޮގަސްޓްގައި ރިލީޒްކުރާ އާމިރުގެ ފިލްމު "ލާލް ސިންގް ޗައްޑާ" ގެ ޕްރޮމޯޝަންތައް މިހާރު ކުރިއަށްދާ އިރު، ފަހަރު ޔޮހާނީއާ އޭނާ ބައްދަލުކުރުމަކީ ފިލްމުގެ ޕްރޮމޯޝަނަށް ކުރެވޭ މަސައްކަތުގެ ބަޔަކަށް ވެސް ވެދާނެ އެވެ.

އެހެންވެ މިއީ ފަހަރުގައި ޔޮހާނީގެ އަޑުން އާމިރަށް ލަވައެއް ރެކޯޑްކޮށްދޭން މަޝްވަރާކުރަން ބޭއްވުނު ބައްދަލުވުމަކަށް ވެސް ވެދާނެ އެވެ.

ޔޮހާނީ އަށް މިހާރު އިންޑިއާ އިން ފުރުސަތުތައް ފަހިވަމުން އަންނަ އިރު ދާދި ފަހުން އޭނަ ދިން އިންޓަވިއުއެއްގައި ވެސް ބުނެފައި ވަނީ އެންމެ ބޮޑު އެއް ހުވަފެނަކީ ބޮލީވުޑްގެ ފިލްމުތަކަށް ލަވަ ކިޔައިދިނުން ކަމަށެވެ.