Last Updated: April 25, 09:40
Thursday, April 25, 2024
ޚަބަރު

ރާއްޖޭން ތުރުކީ މިސާލަކަށް ބަލާ: އިމްރާން

ތުރުކީއަކީ ރާއްޖެއިން މިސާލަކަށް ބަލާ ޤައުމެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިހާރު ތުރުކީ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ތުރުކީގެ ހޯމް މިނިސްޓަރު ސުލޭމާން ސޮއިލުއާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަމުން އިމްރާން ވިދާޅުވީ ޖިއޮގްރަފީ ގޮތުން ދެޤައުމު ކިތަންމެ ތަފާތު ނަމަވެސް، ދެޤައުމުގެ ދެމެދުގައި އޮތީ ޒަމާންވީ ތާރީޚީ ގުޅުމެއް ކަމަށެވެ.

އެގޮތުން މިއީ އިސްލާމީ ދެޤައުމުކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ދެޤައުމުގެ ރައްޔިތުންގެ ދިރިއުޅުމާއި، ދިރިއުޅުމުގެ ވައްޓަފާޅި ބައްޓަންވެފައިވަނީ އެއްގޮތް ކަންތައްތަކެއްގެ މައްޗަށް ކަމަށެވެ. އަދި މީގެ 900 އަހަރު ކުރިން ދިވެހިންނަށް އިސްލާމްދީނުގެ ހިދާޔަތް ލިބުނީއްސުރެ ވެސް ތުރުކީއަކީ ރާއްޖެއިން މިސާލަކަށް ބަލާ ޤައުމެއްކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެގޮތުން ތުރުކީގެ ރައީސް އުރުދުގާންއާއި ސަރުކާރުން ދުނިޔެއަށް، ޚާއްޞަކޮށް އިސްލާމީ ޤައުމުތަކަށް ދައްކާ ލީޑަރޝިޕް މިނިސްޓަރ ފާހަގަކުރެއްވި އެވެ.

މީގެއިތުރުން އިމްރާން ވަނީ ދީނީ ހަރުކަށި ފިކުރާއި، ޓެރަރިޒަމްއާއި، ޑްރަގް ޓްރެފިކިންގ ހުއްޓުވުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާ އެދާއިރާތަކުން މީހުން ބިނާކުރުމާއި، ވަޞީލަތްތައް ޤާއިމްކުރުމުގައި ތުރުކީގެ އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ. އަދި ކުށްވެރިން ރިހިބިލިޓޭޓްކޮށް އަނބުރާ މުޖުތަމައުއަށް ނެރުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ ތުރުކީގެ ޓެކްނިކަލް އެހީތެރިކަމަށް ވެސް އެދިވަޑައިގެންނެވި އެވެ.

އިމްރާން އާއި އޭނާގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުން މިދަތުރުފުޅުގައި ތުރުކީގެ ދާޚިލީ ސަލާމަތާއި ގުޅޭ އެކިއެކި މުއައްސަސާތަކާ ވަކިވަކިން ގެންދަވަނީ ބައްދަލުކުރެއްވަމުންނެވެ. އޭގެތެރޭގައި ތުރުކީގެ ފުލުހުންގެ މުއައްސަސާއާއި, ފުލުހުން ތަމްރީނުކުރާ މަރުކަޒާއި, ޖަލުތަކުގެ ކަންކަން ބަލަހައްޓާ އިދާރާ ހިމެނެ އެވެ.