Last Updated: March 28, 16:21
Thursday, March 28, 2024
ޚަބަރު

ރިއްފަތު މިހާރު ސިފަވަނީ ހިޓްރަލުގެ އޭޖީ ގޮތަށް

ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު - ފޮޓޯ: ޕީޕީއެމް

އެޓާނީ ޖެނެރަލް އޭޖީ އިބްރާހިމް ރިއްފަތު މިހާރު ސިފަވަނީ ދުނިޔެ ދުށް އެންމެ އަނިޔާވެރިޔާ އެޑޮލްފް ހިޓްލަރުގެ ބަންޑާރަ ނައިބު ގޮތަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ .މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ރޭ ޕީޕީއެމުން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަމުން އޭނާ ވިދާޅުވީ ރާއްޖޭގެ ގާނޫނީ ނިޒާމު ނޮޅާލައިގެންދާ އިރު އޭޖީ ރިއްފަތާއި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ތިއްބަވަނީ ބައްލަވަން ކަމަށާއި އެއީ ނޭނގި ކުރާ ކަމެއް ނޫން ކަމަށެވެ.

އެގޮތުން އެމްޑީޕީން ވެރިކަމަށް އައުމަށްފަހު ކުރާ ކަމަކީ ޝަރުއީ ނިޒާމު "އެމްޑިޕިފިކޭޝަން" ކުރުން ކަމަށާއި މިއީ ހިޓްލަރުގެ ޒަމާނުގައި "ނާޒިފިކޭޝަންކުރި" ގޮތަށް ކުރަން އުޅޭ ކަމެއް ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑަށް ހަގީގަތުގައި ރިއްފަތު ސިފަވެގެންދަނީ ހިޓްލަރުގެ 1940 ގެ އެޓާނީ ޖެނެރަލް ގުންތާ ވޯލްމާ ކިޔާ މީހެއްގެ ސިފައިގައި. ހިޓްލަރުގެ އެޓާނީ ޖެނެރަލް ގުންތާ ވޯލްމާ ގޮތަށް މިއަދު ރިއްފަތަކީ އެ މީހާ." ޖަމީލު ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވީ ހިޓްލަރުގެ އެޓާނީ ޖެނެރަލް ވެސް ހުރީ ގާނޫނު ކިޔަވައިގެން ކަމަށާއި އަދި ގާނޫނު ތަރުޖަމާކޮށްދެނީ ހިޓްލަރު ބޭނުންވާ ގޮތަކަށް ކަމަށެވެ. ހަމަ އެގޮތަށް ރިއްފަތާއި ޕީޖީ ޝަމީމު ވެސް މިއަދު އަމަލުކުރަނީ އެ އުސޫލުން ކަމަށް ޖަމީލު ވިދާޅުވި އެވެ.

"ރައީސް ސޯލިހު ބުނަންވީ އަހަރެން މި އަންގަނީއޭ މިއަދުން ފެށިގެން އެއްވެސް މީހަކު ކައިވެނިކޮށްގެން ނުވާނެއޭ. ސައްހަ، އަހަރެން އެމީހާ ދިފާއުކުރާނަމޯ. ހަމަ އެގޮތަށް ޝަމީމު ބުނަނީ، އަހަރެންގެ ކުރިމަތީގައި އޮންނާނީ ރައީސުލްޖުމްހޫރިއްޔާ ބުނި އެއްޗެކޭ، އަހަރެން ދިފާއުކުރާނަމޭ. ގާނޫނު އަސާސީ ދަންނަނީ އެގޮތެއް ނޫން." އޭނާ ވިދާޅުވި އެވެ.