Last Updated: April 24, 23:11
Wednesday, April 24, 2024
މުނިފޫހިފިލުވުން

ސްޕޭސީ އަށް ޖިންސީ ގޯނާގެ އިތުރު ދައުވާތަކެއް

މީގެ ހައެއްކަ އަހަރު ކުރިން ޖިންސީ ގޯނާގެ އެތައް ތުހުމަތުތަކަކާ ގުޅިގެން ފިލްމީ ކެރިއަރުގައި ވެސް ހުއްޓުނު ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ކެވިން ސްޕޭސީ އަށް ޖިންސީ ގޯނާގެ އިތުރު ދައުވާތަކެއް އުފުލައިފި އެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން އެކިއެކި ފިލްމުތަކުން ވެސް މިހާރު ފުރުސަތުތައް ލިވެމުން އަންނަ 62 އަހަރުގެ އެކްޓަރަށް މި ފަހަރު ދައުވާތަކެއްކޮށްފައި ވަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުގައި އޭނާގެ މައްޗަށް ޖިންސީ ގޯނާގެ ހަތަރު ދައުވާއެއް އުފުލާފައިވެ އެވެ. އޭގެ ތެރޭގައި މުޅިން ވެސް ހިމެނެނީ ފިރިހެނުންތަކަކަށް 2005-2013 އާ ދެމެދު ގޯނާކުރި ކަމަށް ބުނާ މައްސަލަތެކެކެވެ.

ޖިންސީ ގޯނާގެ ދައުވާކުރާ މީހުންގެ ތެރޭގައި ހިމެނޭ މީހުންނަކީ މިހާރު އުމުރުން 30-40 އަހަރާ ދެމެދުގެ މީހުންނެވެ.

އިނގިރޭސިވިލާތުގެ ކްރައުން ޕްރޮސެކިއުޝަން ސާވިސް ސީޕީއެސް) އިން ބުނި ގޮތުގައި ސްޕޭސީގެ މައްޗަށް މި އުފުލާފައިވާ މި ދައުވާތަކުގައި ބުނެފައި ވަނީ ލަންޑަނާއި ގްލޯސެސްޓަޝަޔާގައި ކަމަށެވެ. އަދި މި މައްސަލަތައް އަލުން ފެންމަތިވީ އެކަމާ ގުޅޭ ގޮތުން ފުލުހުން އަލުން ހިންގި ތަހުގީގަކަށް ފަހު އެވެ. ނަމަވެސް މި ދައުވާތައް އުފުލި އިރު ސްޕޭސީ އިނގިރޭސިވިލާތަކު ނެތެވެ. އަދި މި މައްސަލަތަކާއިގެން ކުރިއަށް ދާނެ ގޮތެއް އަދި ރަސްމީކޮށް ނިންމާފައި ނުވާ ކަމަށް ސީޕީއެސްގެ ސްޕެޝަލް ކްރައިމް ޑިވިޝަންގެ ވެރިޔާ ރޯޒްމޭރީ އައިންސްލީ ވިދާޅުވި އެވެ.

އަދި އެމެރިކާ އަށް އުފަން ސްޕޭސީގެ މައްޗަށް އިނގޭސިވިލާތުގައި އުފުލި ދައުވާތައް އެ ގައުމުގައި ކުރިއަށް ގެންދާނެ ގޮތެއް ވެސް އަދި ނުނިންމަ އެވެ. އޭނަގެ މައްޗަށް ކުރިން ކުރި ދައުވާތަކާ ގުޅިގެން ވެސް މިހާތަނަށް އެއްވެސް ދައުވާއެއް ސާބިތުވެފައެެއް ނުވެ އެވެ.

ޖިންސީގެ ގޯނާގެ އެތައް ތުހުމަތެއް، އެތައް ފިރިހެންގެ ފަރާތުން ފެންމަތިވެ "އެމެރިކަން ބިއުޓީ" އާއި "ދި އަންޔޫޝުއަލް ސަސްޕެކްޓްސް" އާއި "އެލްއޭ ކޮންފިޑެންޝަލް" އަދި "ބޭބީ ޑްރައިވާ" ފަދަ މަޝްހޫރު އެތައް ފިލްމެއް ކުޅެފައިވާ ސްޕޭސީގެ މައްޗަށް އެންމެ ފުރަތަމަ ޖިންސީ ގޯނާގެ ތުހުމަތު 2017 ގައި ކުރީ އެކްޓަރު އެންތަނީ ރެޕެވެ. އޭނާ ބުނެފައިވާ ގޮތުގައި ސްޕޭސީ އޭނާއާ ބެހުނީ އުމުރުން 14 އަހަރުގައި 1986 ގަ އެވެ. އެކަމަކު އެ ތުހުމަތާ ގުޅިގެން ސްޕޭސީ ބުނީ އެފަދަ ކަމެއް ހިނގިކަން ހަދާން ނެތް ކަމަށެވެ.

ފަހުން ސްޕޭސީގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކުރި މީހުންގެ ތެރޭގައި ސްޕޭސީ ވަރުގަދަ ރޯލެއް ކުޅުނު ނެޓްފްލިކްސްގެ ސީރީޒް "ހައުސް އޮފް ކާޑްސް" ގެ ބައެއް އެކްޓަރުން ހިމެނެ އެވެ. އެ މައްސަލައާ ގުޅިގެން ސްޕޭސީ އެ ސީރީޒުން ވެސް ވަކިކުރި އެވެ.

މިފަދަ އެތައް ތުހުމަތުތަކަކާ އެކު ކެރިއަރަށް އެޅުނު ހިޔަންޏާ އެކު އޭނާ އަށް އެތައް ފުރުސަތެއް ގެއްލި ހޮލީވުޑުން އެކަހެރިކުރި އެވެ. އަދި ކުޅެ ނިމިފައި އޮތް 2017 ގެ ފިލްމު "އޯލް ދަ މަނީ އިން ދަ ވޯލްޑް" ގައި ވެސް ސްޕޭސީ ނުހިމަން ނިންމައި ފިލްމު ރިލީޒްކުރީ، އޭނާ ކުޅުނު ކެރެކްޓާ ކްރިސްޓޯފާ ޕްލަމާ ލައްވައި ކުޅުވައިގެންނެވެ.

ސްޕޭސީގެ ފިލްމަކަށް އެންމެ ފަހުން ރިލީޒްކުރި ފިލްމަކީ 2018 ގެ ބައޮގްރަފިކަލް ކްރައިމް ޑްރާމާ "ބިލިއަނާ ބޯއިޒް ކުލަބް" އެވެ.

ދެ އޮސްކާ އެވޯޑް ހޯދާފައިވާ ސްޕޭސީގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ދަ މޭން ހޫ ޑްރޫ ގޯޑް" ކިޔާ އިޓަލީގެ ފިލްމަކާއި އިނގިރޭސިވިލާތާއި ހަންގޭރީގެ އިތުރުން މޮންގޯލީގެ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން ހަދާ "1242: ގޭޓްވޭ ޓު ދަ ވެސްޓް" އާއި "ޕީޓާ ޕައިވް އެއިޓް" ހިމެނެ އެވެ.