Last Updated: April 16, 13:21
Tuesday, April 16, 2024
މުނިފޫހިފިލުވުން

ނޯރާގެ އިންސްޓަ ފޮލޯވަރުން 40 މިލިއަނަށް

ބޮލީވުޑްގެ މިހާރުގެ އެންމެ ވަރުގަދަ ނެށުންތެރިޔާ ނޯރާ ފަތުހީ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު 40 މިލިއަނަށް އަރައިފި އެވެ.

ބޮލީވުޑްގެ ފިލްމުތަކުގެ އައިޓަމް ލަވަތަކުގައި ނެށުމުގެ ހުނަރު ދައްކައިގެން ގިނަ ބައެއްގެ ލޯތްބާއި ބޮޑު މަޝްހޫރު ކަމެއް ހޯދި ނޯރާގެ ފޮލޯވަރުންގެ އަދަދު މިހާރު 40.1 މިލިއަނަށް އަރަ އެވެ. މި ކާމިޔާބީއާ ގުޅިގެން އޭނާ ބުނީ އެ ވަރުގެ ފޭންބޭސްއެއް ލިބިދާނެ ކަމަކަށް ކުރިން އެއްވެސް ވަރަކަށް އުންމީދު ވެސް ނުކުރާ ކަމަށެވެ.

"ފޭންބޭސް އަންނަނީ ހުއްޓުމެއް ނެތި ބޮޑުވަމުން. އެކަމަށްޓަކައި ހުރިހާ ފޭނުންނާއި ސަޕޯޓްކުރާ އެންމެންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ." މޮރޮކޯގެ އާއިލާއަކަށް ކެނެޑާ އަށް އުފަން ނޯރާ ބުންޏެވެ.

އޭނާ ބުނީ އިންސްޓަގްރާމް ފޮލޯވަރުން 40 މިލިއަނަށް އަރާފައިވާތީ ދެން އޮތި އެ އަދަދު 100 މިލިއަނަށް އެރުވުން ކަމަށެވެ.

ނޯރާ، 30، ގެ ވިދުން އެންމެ ބޮޑަށް ގަދަވީ ޖޯން އަބްރަހަމްގެ 2018 ގެ ފިލްމު "ސަތިއަމޭވް ޖަޔަތޭ" ގެ އައިޓަމް ލަވަ "ދިލްބަރު" އިންނެވެ. އޭގެ ފަހުން އެފަދަ ހިޓް އެތައް ލަވައަކުން އޭނާ ފެނިފައިވެ އެވެ. އޭގެ ތެރޭގައި 2018 ގެ "އިސްތިރީ" ގެ "ކަމަރިއާ" އާއި 2019 ގެ "މަރުޖާވާ" ގެ "އޮ ސާ ކީ ސާކީ" އާއި 2020 ގެ "ސްޓްރީޓް ޑާންސާ" ގެ "ގަރުމީ" ގެ އިތުރުން މިދިޔަ އަހަރުގެ "ސަތިއަމޭވް ޖަޔަތޭ 2" ގެ "ކުސޫ ކުސޫ" ހިމެނެ އެވެ.

އެ ލަވަތަކުގެ އިތުރުން ވަރަށް މަގުބޫލު ވީޑިއޯ ލަވަތަކަކުން ވެސް ނޯރާ ފެނިފައިވެ އެވެ. އޭނަ އަކީ މިހާރު ކަލާޒް ޗެނެލުން ގެނެސްދޭ "ޑާންސް ދިވާނޭ ޖޫނިއާ" ގެ ޖަޖެއް ވެސް މެ އެވެ.