Last Updated: April 23, 11:36
Tuesday, April 23, 2024
މުނިފޫހިފިލުވުން

ޝާހްރުކްގެ ދަރިފުޅު ޑްރަގްގެ ދައުވާތަކުން ސަލާމަތްވެއްޖެ!

ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން މިދިޔަ އަހަރު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް އޭނާގެ މައްޗަށް އުފުލި ދައުވާތައް އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ ދައުވާނުކުރަން ނިންމައިފި އެވެ.

ހުކުރު ދުވަހު ނެޝަނަލް ނާކޮޓިކްސް ކިންޓްރޯލް ބިއުރޯ (އެންސީބީ) އިން ބުނީ އަރިއަންގެ މައްޗަށް އުފުލި މަސްތުވާކެތި ބޭނުންކުރުމާއި އެ ޓްރެފިކްކުރުމާއި ވިއްކުމުގެ ދައުވާތައް ކުރިއަށް ނުގެންދަން ނިންމީ އޭނަގެ މައްޗަށް މިހާތަނަށް އެކަށީގެންވާ ވަރުގެ ހެއްލެއް ލިބިފައި ނުވާތީ ކަމަށެވެ. އެހެންވެ އަރިއަންއާ އެކު މިދިޔަ އަހަރު ދައުވާ އުފުލި 14 މީހުންގެ ތެރިން ފަސް މީހެއްގެ މައްޗަށް ދައުވާނުކުރަން މިހާރު ނިންމާފައިވާ ކަމަށް ބުންޏެވެ.

އަރިއަން އާއި އެކުވެރިންތަކެއް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުގެ ރޭ ހައްޔަރުކުރީ މުމްބާއީގެ ފަޅު ބޭރުގައި އޮތް ކްރޫޒް ލައިނާއެއްގައި މަސްތުވާތަކެއްޗާ އެކު ޕާޓީކުރާ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ. އެ މައްސަލާގައި އަރިއަން ޖަލުގައި ހައްޔަރުކޮށް 28 ދުވަސް ފަހުން ދޫކުރީ ކަފާލާތުގެ ދަށުން ނޮބެމްބަރު މަހުގެ 30 ގަ އެވެ.

އަރިއަން ހައްޔަރުކުރުމާ ގުޅިގެން އެންސީބީ އަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވި އެވެ. ގިނަ ބަޔަކު އޭރު ބުނަމުން ދިޔައީ އެއީ ވެރިކަން ކުރާ ބީޖޭޕީ އަށް ނިސްބަތްވާ ވެރިންތަކެއް އިސްކޮށް ތިބެގެން ޝާހްރުކްގެ ނަން ހުތުރުކުރަން ހިންގި އެއްވެސް އަސާސެއް ނެތް ކުޅިގަނޑެއް ކަމަށެވެ. އަދި އެ މައްސަލާގައި އޭރު އެންސީބީގެ ވެރިއަކަށް ހުންނެވި ސަމީރު ވަންކެޅެގެ މައްޗަށް ތުހުމަތުކުރެވުނު ކޮރަޕްޝަންގެ އެތައް ތުހުމަތުތަކަކާ ގުޅިގެން އޭނާ މަގާމުން ވެސް އެކަހެރިކުރި އެވެ.

އަރިއަންގެ މައްޗަށް އުފުލި ދައުވާތަކުން އޭނާ ސަލަމާތްވެ "ސާފުވުމުން" ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ މުކުލް ރޮހާގްތީ ވިދާޅުވީ މިއީ ހައްގަށް އިންސާފު ލިބުން ކަމަށާއި އަރިއަން އަކީ މައުސޫމް ޒުވާނެއްކަން ސާބިތުވެއްޖެ ކަމަށެވެ.

އޭނަ މަސްތުވާތަކެތީގެ މައްސަލައެއްގައި މިދިޔަ އަހަރު ބެދުނީ އެ އަހަރުގެ މެއި މަހުގެ ތެރޭގައި އެމެރިކާގެ ޔުނިވަސިޓީއަކުން ގްރެޖްއޭޓް ވެސް ވެފައި ވަނިކޮށެވެ. ރިޕޯޓްތައް ބުނާ ގޮތުން އަރިއަން މިހާރު އަންނަނީ ބައްޕަގެ ފިލްމު ކުންފުނި، ރެޑް ޗިލީޒްގެ މަސައްކަތުގެ ތެރެއަށް ރަސްމީކޮށް ނުކުންނަން ތައްޔާރުވަމުންނެވެ. އެގޮތުން އޭނާ އެމެޒޯން ޕްރައިމް ވީޑިއޯ އަށް ހަދާ ސީރީޒްތަކެއްގެ ސްކްރީންޕްލޭ ލިޔަމުން އަންނަ ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ.

އަރިއަން، 24، އަކީ ޝާހްރުކްގެ ތިން ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. އަންހެން ދަރިފުޅު ސުހާނާ ޚާން، 22، މިހާރު އަންނަނީ ނެޓްފްލިކްސް އަށް ހަދާ "ދި އާޗީސް" ގެ މަސައްކަތްކުރަމުންނެވެ. ޝާހްރުކްގެ ހަގު ދަރިފުޅަކީ ސަރޮގޭޓްކޮށްގެން ހޯދި އަބްރަމް، 9، އެވެ.